އއ. އުކުޅަހުގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު އޭނާގެ ބައްޕައަށް ވަޅިއަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ފިރިހެންމީހާ އިތުރު ފަތުރު ފަރުއާއަށް މާލެގެނެސްފިއެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ޖަވިޔަނި އަށް ވިދާޅުވީ ބައްޕަ އަށް ހަމަލާދިން ދަރިފުޅަކީ ނަފްސާނީ ބައްޔަށް ފަރުވާ ދެމުން އަންނަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ގަވާއިދުން ޖަހަން ޖެހޭ އިންޖެކްޝަނެއް ޖަހަމުން އަންނަ މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކޮންމެ ފަހަރަކުވެސް އެ އިންޖެކްޝަން ޖެހުމަށް އޭނާ މާލެ ގެންދާ ކަން ފާހަގަކުރައްވައި ވިދާޅުވީ އެ އިންޖެކްޝަން ޖެހުމަށް އެއްބަސް ނުވެގެން މާލެ ނުގެންދެވި އިންޖެކްޝަން ޖަހަން ޖެހޭ ތާރީހު ފަހަނަ އަޅާފައިވާ ކަމަށެވެ.
”އެ އާއިލާއިން ރަށު ހެލްތު ސެންޓަރާއި ކައުންސިލާއި މާލޭގެ ކަމާ ބެހޭ ފަރާތްތަކުގެ ވެސް ލަފާ ހޯދައިގެން ރަށުގައި އިންޖެކްޝަން ޖަހަން މި ފަހަރު ނިންމީ، އެ ކުއްޖާ ވަޔަލަންޓްވާތީ، އެ އިންޖެކްޝަން ޖެހީ އާއިލާ މެންބަރާއި ފުލުހުންގެ ވެސް ހާޒިރުގަ އެ އިންޖެކްޝަން ޖަހާފައިވަނީ ރޭގަ“ ޝައުކަތު ވިދާޅުވިއެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވީ ސަބަބެއް ކަމުގައި، ގަދަ ކަމުން އެ އިންޖެކްޝަން ޖެހުން ކަމަށް ލަފާ ކުރެއްވޭ ކަމަށާއި ހާދިސާ ހިނގީ އެ އިންޖެކްޝަން ޖަހައި އެންމެން ދިޔަތާ އިރުގަނޑެއް ފަހުންކަންވެސް ޝައުކަތު ފާހަގަކުރެއްވިއެވެ.
ޒަހަމްވި ފިރިހެން މީހާގެ ހާލަތު ގާތުން ބަލަމުން އަންނަކަން ފާހަގަކޮށް ޝައުކަތު ބުނީ އެ ފިރިހެން މީހާ އަށް ސީރިޔަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް އޭނާގެ ވާތުގެ މީދާ މަސްގަނޑަށާއި ބަނޑަށް އަނިޔާ ލިބިފައިވާ ކަމަށެވެ.
ޝައުކަތު ވިދާޅުވީ ޒަހަމްވި ފިރިހެންމީހާ އާއި ހަމަލާދިން ފިރިހެންމީހާ ވެސް ފަރުވާއަށް މާލެއަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭނާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުންނަށްވެސް އައިޖީއެމްއެޗުން ފަރުވާ ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ހާދިސާ އާ ގުޅިގެން ފުލުހުން ބުނީ ބައްޕަ އަށް ހަމަލާ ދިނީ ނަފުސާނީ މައްސަލަތަކެއް ހުންނަ 26 އަހަރުގެ ޒުވާނެއް ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 10:20 އެހާކަށްހާ އިރު ކަމަށާއި އެ މީހާއަށް ސީރިޔަސް ގެއްލުމެއް ނުވާ ކަމަށް ވެސް ބުންޏެވެ.އަދި އެ މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިންކަމަށް ވެސް ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
