ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭ ގޮތަށް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދު އިސްލާހުކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މި ގަވައިދު އިސްލާހުކޮށް ގެޒެޓުކޮށްފައިވަނީ މިއަދު އެވެ. އިސްލާހު ގެނެސްފައިވަނީ މި ގަވައިދުގެ 129 ވަނަ މާއްދާ އަށެވެ. މި މާއްދާއަކީ ”ހެދުން އެޅުމުގައި މީހާ ފާހަގަވެ އެނގޭ ގޮތަށް ހެދުން އެޅުން“ މާއްދާ އެވެ.
ގަވައިދުގެ 129 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީވާން ޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުއާމަލާތު ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ހުންނަން ޖެހޭނެތީ، މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތެއްގައި ކަމަށެވެ.
ގަވައިދުގެ 129 ވަނަ މާއްދާގެ ހ ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މޫނު ބުރުގާ (ލޯ ނުފޮރުވޭ ގޮތަށް) އެޅުން އެ މާއްދާގެ ހ އިން ހުރަސް ނާޅާ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގެ ތެރެއިން މޫނު ބުރުގާ އަޅާ މުވައްޒަފަކީ ކާކުކަން ކަށަވަރު ކުރަން ބޭނުންވެއްޖެ ނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެކަމަށް ބަޔާންކޮށްފައިވެ އެވެ.