ސަރުކާރުން 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑު ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ހިތޯބުގައެވެ. މި ހިތޯބުގައި ރައީސް ވިދާޅުވީ މި ދުވަސް ފާހަގަކުރަން މި ފެށީ، ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ އިންޖިނޭރިންގގެ އެންމެ ބޮޑު އެއް މަސައްކަތް ކަމުގައިވާ ސިނަމާލެ ބުރިޖު ހުޅުވުނުތާ 7 އަހަރު ފުރުނު ދުވަހާ ދިމާކޮށްކަމަށެވެ
މި އެވޯޑުގެ އިތުރުން އިންޖިނޭރުންގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދެއްވައި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެކަމުގެ ޔަޤީންކަންވެސް އެ ހިތޯބުގައި ރައީސް ދެއްވާފައިވެއެވެ.
ޢުމްރާނީ ތަރައްޤީގެ އިތުރުން، ޞިނާޢީ އެކި މަސައްކަތްތަކާއި އިޖްތިމާޢީ ޚިދުމަތްތަކާއި، ދަތުރުފަތުރާއި، ހަކަތައާއި ސައިންސާއި، ޓެކްނޮލޮޖީގެ އެކި ދާއިރާތަކުގައިވެސް ތަފާތު ފަންނުގެ އިންޖިނޭރުން ގައުމަށް ހިދުމަތް ކޮށްދެމުން އަންނަ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި 2040 ވަނަ އަހަރަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލްކުރުމުގައި އިންޖިނޭރުންގެ ދައުރު މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހި ކާބަފައިންނަކީ މާޒީގައިވެސް ފަންނުވެރި ހުނަރުވެރި ފާޑުވެރި ބައެއް ކަމަށާއި، އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ރާއްޖޭގެ ތަރައްޤީ ނެގެހެއްޓުމުގައި ދިވެހި އިންޖިނޭރުން އަދާކުރެއްވި ޤައުމީ ވާޖިބަށް ސާބަހާއި ތާރީފު ޙައްޤުކަމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޖިނޭރުންގެ ދުވަސް



