ލީކްވި އީމެއިލްތަކުން އެޕްސްޓީންއާ ރާއްޖޭގެ ކުރީގެ ރައީސަކާ ހުރި ގުޅުން ހާމަވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ޖިންސީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުގައި ހުއްޓަ މަރުވެފައިވާ އެމެރިކާގެ މިލިއަނަރު ޖެފްރީ އެޕްސްޓީން މެދުވެރިކޮށް، އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އެހުދް ބަރަކް ރާއްޖޭގެ ކުރީގެ ރައީސައަކާ ގުޅުން އުފެއްދުމަށް މަސައްކަތްކޮށްފައިވާކަން އެހުދް ބަރަކްގެ ލީކްވެފައިވާ އީމެއިލްތަކަކުން ހާމަވެއްޖެ އެވެ.

އެހުދް ބަރަކްގެ 100،000 އަށްވުރެ ގިނަ އީމެއިލް ލީކްވުމާ ގުޅިގެން ހާމަވި މައުލޫމާތުތަކުން ދައްކާ ގޮތުގައި، 2014 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެޕްސްޓީން ވަނީ ބަރަކަށް ޓެކް ބިލިއަނަރު ޕީޓަރ ތީލް އަދި ”ކުރީގެ ދިވެހިރާއްޖޭގެ ރައީސް“ އާ ބައްދަލުކުރުމުގެ ފުރުސަތު ހުށަހަޅާފައެވެ. އެގޮތުން ”19 ވަނަ ދުވަހު ނިއުޔޯކުގައި ޕީޓަރ ތީލް އެބަހުރި، އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސްވެސް“ މިފަދައިން އެޕްސްޓީންގެ މެސެޖުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ބަރަކް ޔޫރަޕަށް ދަތުރެއް ކުރަން ޖެހުމާ ގުޅިގެން އެ ބައްދަލުވުން ނުބޭއްވުނު ކަމަށް ވެއެވެ.

އެ ދުވަސްވަރު ”ކުރީގެ ރައީސް“ ކަމަށް އިޝާރާތްކޮށްފައި އެ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެއެވެ. ނަޝީދަކީ 2009 ވަނަ އަހަރު އިސްރާއީލާއެކު ފަތުރުވެރިކަމާއި، ސިއްހަތާއި އަދި ތައުލީމީ ދާއިރާގެ އެއްބާރުލުމުގެ އެއްބަސްވުންތަކުގައި ސޮއިކުރި، ބަރަކްގެ އިސްރާއީލީ ވެރިކަމުގެ ދައުރާ ގުޅުންހުރި ފަރާތެކެވެ.

ނަމަވެސް އޮންލައިން ނޫސް ’އަދަދު‘ އަށް ދެއްވި މައުލޫމާތުގައި ނަޝީދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އަދި އެ މެއިލްތަކުގައި އެވަނީ އެމަނިކުފާނުގެ ވާހަކަ ނޫންކަމަށްވެސް ވިދާޅުވި އެވެ.

ލީކުވި މެއިލްތަކުގައިވާ ތާރީހުގައި ރާއްޖޭގެ ކުރީގެ ރައީސުންގެ ގޮތުގައި ނަޝީދުގެ އިތުރުން ދެން ތިއްބަވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްއާ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.

އެޕްސްޓީންއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި 2005 ވަނަ އަހަރު ތަހުގީގުކުރަން ފެށި މީހެކެވެ. އޭނާގެ މައްޗަށް 2008 ވަނަ އަހަރު 18 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި 2019 ވަނަ އަހަރު ސެކްސް ޓްރެފިކިންގގެ ތުހުމަތުގައި އަލުން ހައްޔަރުކުރުމަށްފަހު، އޮގަސްޓު 10 ވަނަ ދުވަހު ޖަލު ގޮޅީގައި ހުއްޓައި ’ކުއްލިގޮތަކަށް‘ މަރުވި އެވެ.

އެކްސްގައި @xIsraelExposedx އިން ލީކުކޮށްލި މި މައުލޫމާތުން، ގްލޯބަލް އެލީޓުންގެ މެދުގައި އެޕްސްޓީން އަދާކުރި ގުޅުވައިދިނުމުގެ ދައުރު ފާހަގަކޮށްދެއެވެ. އެގޮތުން އެޕްސްޓީންގެ ލީކްވެފައިވާ އެ އީމެއިލްތަކުން ހާމަވާ ގޮތުގައި އޭނާއަކީ އެމެރިކާގެ ރައީސުންނާއި ރާއްޖެ ޖަޒީރާ ގައުމުތަކުގެ އިސްވެރިންނާ ހަމައަށް ގުޅުން އޮތް މީހެކެވެ. މި ލީކްތަކުން، މިފަދަ ނުފޫޒުގަދަ ނެޓްވަރކްތައް ހުއްޓުމެއްނެތި ހިނގަމުންދިޔަ ގޮތާމެދު އާ ސުވާލުތަކެއް އުފެދިފައިވެއެވެ.

ރައީސް މުހައްމަދު ނަޝީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ