ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިން ބިކަކޮށް ނުލާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު އައިފަހުން މަސައްކަތުގެ ދާއިރާއިން އެންމެ ހިތްހަމަ ޖެހިގެން އުޅޭ ބަޔަކީ ދިވެހި ނޫސްވެރިން ކަމަށެވެ.
އެގޮތުން ގްރީން ޒޯނުގައި ނޫސްވެރިންނަށް ހާއްސަ ކުރެވިގެން ”ފިނިމައިޒާނެއް“ ހެދިފައިވާކަމަށް ވިދާޅުވި އެވެ.
”އެމައިޒާނުގައި ތިއްބަވައިގެން ލިޔެވޭ، ހިޔާލު ފައުޅުކޮށް އަޑު އުފުލޭ، އަދި ލައިވް އިންޓަވިއުތައް ވަޒީރުންނާއި އެހެނިހެން ބޭފުޅުންނާ ކުރެވޭ.“
މީގެ ކުރީގެ ސަރުކާރުތައް ހިނގި ދުވަސްވަރު ދިވެހި ނޫސްވެރިން މިސަރަހައްދަށް ވަދެ ހިޔާލުފާޅުކުރަން ފެށުމުން އެނޫސްވެރިންނަށް ”މަރުޙަބާ ދަންނަވަނީ“ ޕެޕަރ ސްޕްރޭ ފުޅިތަކުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މިސަރުކާރުން ނޫސްވެރިން ބިކަކޮށް ނުލާނެ ކަމަށާއި، ހަޤީޤީ ޚަބަރު ތައްމިނަށް ހުޅުވިގެން ލިޔެވޭނެ މާހައުލު ފަހިވެފަ އޮންނާނެ ކަމަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި މި ބިލުގެ ބަހުސް ކުރިއަށްގެންގޮސް މަޖިލީހަށް ބަލައިގެންފައިވާއިރު މިއަދު ވަނީ ކޮމިޓީ މަސައްކަތް ފަށައިފަ އެވެ. އަދި ދެ ހަފުތާތެރޭގައި ބިލުގެ މަސައްކަތް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ނޫސްވެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިބްރާހިމް ޝުޖާއު