މީޑިޔާ ބިލުގައި ހުރި ހުރިހާ އެއްޗަކަށް އެއްބަހެއް ނޫން: މިނިސްޓަރު އަސްވާޑު

Advertisement

އެންމެ ފަސް

Advertisement

މީޑިއާތައް ކޮންޓްރޯލު ކުރުމުގެ ބިލުގައި ހުރި ހުރިހާ ކަމަކަށް އެއްބަސްވެވަޑައިނުގަނެވޭ ކަމަށް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މި މީޑިއާ ބިލާއި ގުޅިގެން ރައީސް އޮފީސް ސަރަހައްދުގައި ނޫސްވެރިން ކުރަމުން އަންނަ އިހުތިޖާޖަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމުގައެވެ. މި އިހުތިޖާޖު ކުރަމުންދާ ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް މިނިސްޓަރު އަސްވާޑުގެ އިތުރުން ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް ވެސް ވަޑައިގެންނެވިއެވެ.

އެ ތަނަށް ވަޑައިގެން މިނިސްޓަރު ވިދާޅުވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލުގައި އެއްބަސްނުވެވޭ ކަންކަން އެބަ ހުރި ކަމަށެވެ. އަދި އެކަންކަމަށް ހައްލު ހޯދައިދިނުމަށް މަޖިލީހަށް ވަޑައިގެން ލަފާދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ބިލުގައި އެއްބަސްނުވެވޭ ކަންކަން ހުރި ކަމަށް ވިދާޅުވި ނަމަވެސް އެއްބަސްވެވަޑައި ނުގަންނަވީ ކޮން ކަންތައްތަކަކަށް ކަން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ”ތި ބިލުގައި އޮތް ގޯހެއް ވެއްޖިއްޔާ އިސްލާހުކުރަން އަހަރެން ބޭނުންވާނޭ،“ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރަކީ ނޫސްވެރިކަން ދެކެ ލޯބިވާ ފަރާތެއް ކަމަށާއި ނޫސްވެރިކަމަށް އިހުތިރާމް ކުރާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ބިލުގެ ވާހަކަ ދައްކަވާނީ އެ މަގާމުގައި ހުންނަވައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އުފައްދާފައިވާ މީޑިޔާ ކޮންޓްރޯލް ބިލަކީ މިނިވަން ކެންޑިޑޭޓެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ނޫސްވެރިންނާ މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުންތައް ފާޅުކުރުމުން ދަނިކޮށް، ޕީއެންސީ މެމްބަރުންގެ ވޯޓާއެކު، އިއްޔެ ދައުރުން ބޭރުގައި ބެއްވި މަޖިލީހުގެ ޖަލްސާގައި ކުއްލިގޮތަކަށް ވަނީ ބިލް ބަލައިގަނެ، ކޮމެޓީއަށް ފޮނުވާފަ އެވެ. އަދި މިއަދު މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުމެއް ބާއްވައި ވަނީ، ދެ ހަފްތާ ތެރޭގައި ބިލްގެ މަސައްކަތް ނިންމާލުމަށްވެސް ފާސްކޮށްފަ އެވެ.

މީޑިއާ ބިލްގައި ހުރި ކަންބޮޑުވުންތައް

މީޑިއާ ބިލުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ނޫސްވެރިން ފާހަގަކުރަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ކޮމިޝަނުގައި ހިމެނުމެވެ. މިއީ ދުނިޔޭގައި ޢަމަލުކުރަމުންދާ ”ބެސްޓް ޕްރެކްޓިސް“ އާ ޚިލާފު ކަމެއްގެ ގޮތުގައި ނޫސްވެރިން ދެކެއެވެ.

ބިލުގައި ހުރި އެހެން މުހިންމު ކަންބޮޑުވުންތަކުގެ ތެރޭގައި، ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދީފައި އޮތުމާއި، ނޫސްވެރިކަމުގެ ސުލޫކީ ހަމަތަކުގެ ތެރޭގައި ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައި އޮތުން ހިމެނެއެވެ. މިފަދަ މާއްދާތަކުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނޫސްވެރިންނަށް ހުރަސްއެޅިގެންދާނެ ކަމަށް ނޫސްވެރިން ވިދާޅުވެއެވެ.

ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި، މައްސަލަ ބެލުމުގެ މުއްދަތުގައި ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުމުގެ ބާރު އޮތުމަކީވެސް ކަންބޮޑުވާ ކަމެކެވެ. މީގެ އިތުރުން، ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ”ބެލެވޭ“ ހާލަތްތަކުގައި ފުލުހުން މެދުވެރިކޮށް މީޑިއާ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުމަކީވެސް ބޮޑު ކަންބޮޑުވުމެކެވެ.

ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުމަކީ މިހާރު އޮތް ނިޒާމުގައި ދަންނަ ކަމެއް ނޫން ކަމަށް ނޫސްވެރިން ފާހަގަކުރެއެވެ. ”މިއީ ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބާ، މަޢުލޫމާތު ހާމަކުރުމަށް ހުރަސްއެޅޭނެ ކަމެއް“ ކަމަށް ނޫސްވެރިން ދެކެއެވެ. އަދި ތެދުނޫން މަޢުލޫމާތު ހާމަކުރުމުން މަޢާފަށް އެދެންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު، މަޢުލޫމާތެއްގެ ތެދު ދޮގު ކަނޑައަޅާނީ ކޮން ފަރާތަކުންކަން ސާފުކޮށް ބަޔާންކޮށްފައި ނެތުމަކީވެސް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ނޫސްވެރިން ފާހަގަކުރެއެވެ.

މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އުފައްދާ އައު ކޮމިޝަނަށް ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިދެއެވެ. މިގޮތުން ވަކިވަކި ނޫސްވެރިން 5,000 އިން 25,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު، މީޑިއާތައް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.

މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ