ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ އެހީއަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ޔޫތުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން މި ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށެވެ. އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އެހީ ދިނުމަށް ހާއްސަ އޮންލައިން ޕޯޓަލެއް ސަރުކާރުން ވަނީ ގާއިމްކޮށްފަ އެވެ. އެހީއަށް އެދި ހުށަހެޅޭނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އެހީ ލިބޭނެ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މެދުނުކެނޑި ތިން އަހަރު ވަންދެން މީޑިއާ ހިންގާފައިވާ ފަރާތްތަކެވެ. އަދި މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި އެޑިޓޯރިއަލް ސްޓޭންޑަޑް އާންމުކޮށްފައިވުމާއެކު، އާންމު ފަރާތްތަކުން މީޑިއާއާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ގާއިމުކޮށްފައިވާ ފަރާތްތަކެވެ.
މީޑިއާތަކަށް އެހީ ދިނުމުގެ އުޞޫލުގެ ދަށުން، ދައުލަތުގެ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށް ވާ މިންވަރު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ކޮންމެ އަހަރަކު ދޫކުރެވޭނެ އެވެ. މި އަދަދު ހިސާބުކުރުމުގައި ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމެނޭނެ އެވެ.
ރައީސް މުޢިއްޒު، އިންތިޤާލީ މަރުޙަލާގައި ”މީޑިއާ ގުންޒަރު“ ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ. އަދި މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގައި ދެފުށްފެންނަ، ޒިންމާދާރު އުޞޫލެއް އެކުލަވާލައްވާނެކަން އިޢުލާންކުރައްވާފައިވެ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
މި އުޞޫލާއެކު، ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ހުޅުވިގެންދާއިރު، މި ފައިސާ ދޫކުރެވޭނީ ދެފުށްފެންނަ އަދި ޒިންމާދާރު އުޞޫލެއްގެ ތެރެއިންނެވެ. މި އުޞޫލުގައި މާލީ އެހީ ދިނުމުގެ އެންމެހާ މިންގަނޑުތަކާއި ޝަރުތުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް