މާލެ ސިޓީ ކައުންސިލްގެ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ. މީގެ ތެރޭގައި އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސީޓް އެޅުމުގެ މަސައްކަތް ފުރިހަމައަށް ނިމިފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
މި އިމާރާތަކީ ތައިސޭ ކޮށީގެ އިރު ދެކުނު ފަރާތުގައި، 20 ހާސް އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާއަށް އެޅެމުންދާ އިމާރާތެކެވެ. މި އިމާރާތް ނިމުމުން މާލެ ސިޓީ ކައުންސިލްގެ އެންމެހާ ސެކްޝަންތައް އެއް ތަނަކަށް ބަދަލުކުރެވޭނެއެވެ.
އައު އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެފައިވަނީ، ”މާލެ ސިޓީ ކައުންސިލަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ޤާބިލް އަދި އެންމެ ހިތްހަމަޖެހިގެން ޚިދުމަތް ދެމުންދާ އޮގަނައިޒޭޝަނަށް ހެދުމަކީ އަޅުގަނޑުގެ އެންމެ މުހިންމު އަމާޒާއި މަޤްޞަދު“ ކަމަށެވެ.
މިހާރު ކައުންސިލްގެ މަސައްކަތްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އެކި އިމާރާތްތަކުގައި ކުރަން ޖެހުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމެއްކަމަށާއި، މުވައްޒަފުންނަށްވެސް އުނދަގޫތަކެއް ކުރިމަތިވާ ކަމެއްކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، އައު އިމާރާތަށް ބަދަލުވުމުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ކައުންސިލްގެ މުވައްޒަފުންނަށްވެސް ރަނގަޅު މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މޭޔަރ އާޒިމް އުންމީދު ފާޅުކުރެއްވިއެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް