މާލެ ސިޓީ ކައުންސިލުން ތައްޔާރު ކުރަމުން އަންނަ ލޭންޑް އޮޑިޓުގެ އަދާހަމަ މަޢުލޫމާތު ކައުންސިލުގެ ޖަލްސާގައި ހިއްސާކޮށްފިއެވެ. މި އޮޑިޓަކީ މާލެ ސިޓީ ކައުންސިލުން މިހާތަނަށް މިފަދަ ތަފްސީލީ ގޮތެއްގައި ތައްޔާރުކުރި ފުރަތަމަ ލޭންޑް އޮޑިޓެވެ.
ޕްލޭނިންގ ކޮންސަލްޓަންޓް ހުސެއިން ޒިޔަތު ވިދާޅުވި ގޮތުގައި، މި އޮޑިޓުގައި މާލޭގެ ހުރިހާ ކޮށްޓެއްގެ ބޮޑުމިނާއި، އެ ކޮށިތަކުގައި ހިމެނޭ ގޯތިތަކުގެ ބޮޑުމިން ފެންނާނެހެން އަޕްޑޭޓްކޮށްފައިވެއެވެ. އަދި މާލެ އަދި ވިލިނގިލީގައި ހުރި ގެތަކުގެ އަދަދާއި، ސްކޫލުތަކާއި، ފިހާރަތަކާއި، އޮފީސްތަކާއި އެނޫންވެސް ބިންތަކުގެ މަޢުލޫމާތު ވަކިވަކިން ފެންނަން ހުންނާނެއެވެ.
އޮޑިޓުން ދައްކާ ގޮތުގައި މުޅި ރާއްޖޭގެ 41 އިންސައްތަ އާބާދީ ދިރިއުޅެމުން އަންނަނީ މާލެ ސިޓީގައެވެ. މީގެ ތެރެއިން 68 އިންސައްތަ މީހުން ދިރިއުޅެނީ މާލެ އާއި ވިލިމާލޭގައެވެ. އަދި 32 އިންސައްތަ މީހުން ދިރިއުޅެނީ ހުޅުމާލޭގައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅޭ މީހަކަށް ޖެހެނީ އެންމެ 5.4 އަކަފޫޓެވެ. ވިލިމާލޭގައި ދިރިއުޅޭ މީހަކަށް 193 އަކަފޫޓު ޖެހޭއިރު، ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް ޖެހެނީ 27 އަކަފޫޓެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވި ގޮތުގައި، މާލެ ސިޓީގެ ގޭބިސީތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެބައެއްގެ ގެދޮރާ ގުޅޭ މަޢުލޫމާތު ވަގުތުން ފެންނަން ހުންނަންޖެހޭނެއެވެ. އެހެންކަމުން، މި މަޢުލޫމާތުތައް ފެންނާނެހެން ޕޯޓަލްއެއް ހުޅުވާލާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މި ޕޯޓަލްގައި ގޯތީގައި ހިންގާ ވިޔަފާރިތަކާއި ކާރު ގަރާޖް ހުއްދަ ދެވިފައިވާ ނަމަ އެ މަޢުލޫމާތުތައްވެސް ފެންނަން ހުންނާނެއެވެ. ނަމަވެސް، ބައެއް މަޢުލޫމާތުތަކަކީ ޒާތީ މަޢުލޫމާތުތަކަށް ވުމާއެކު، މި ޕޯޓަލް ބޭނުންކުރެވޭނީ ”އީފާސް“ މެދުވެރިކޮށް ކަމަށް މޭޔަރު ވިދާޅުވިއެވެ.


