ގޭންގުތައް ކަނޑައަޅަން، ރިޕޯޓު ތައްޔާރުކޮށް ޕީޖީއަށް ހުށަހެޅުމުގެ މަސައްކަތް ފުލުހުން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ގޭންގްތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުޓުވުމުގެ ޤާނޫނުގެ ދަށުން ގޭންގްތައް ކަނޑައެޅުމަށް ރިޕޯޓުތައް ތައްޔާރުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާއެކު ޤާނޫނު ތަންފީޒުކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގުރޫޕުތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ކަންކަން ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެއިތުރުން ހައިކޯޓު މެދުވެރިކޮށް، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި، އެފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލް ކުރުމުގެ އަމުރު ނެރުމާއި އަދި އެފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އެ ކުދިންގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް، ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުން ނުހައްގު މުއްސަދިކަމުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތާއި، މިފަދަ ގްރޫޕުތަކުން ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓުކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީގެން ތަހުގީގުކުރަމުންގެންދާނެ ކަމަށެވެ.

”މީގެއިތުރުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް އެ ސަރަހައްދުތަކުގައި ތިބޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތާއި އަދި އިންތިޒާމުވެގެން ހިންގާ ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުްކުރަމުންދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.“ ފުލުހުން ބުނެފައުވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އެވެ.

މި ޤާނޫނުގައި ބުނެފައިވާގޮތުން، ވަކި ޖަމާޢަތަކާ ގުޅޭގޮތުން ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ، އެ ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެގޮތަށް ހައިކޯޓަށް މައްސަލައެއް ހުށަހެޅޭނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ކަމާގުޅޭ އެނޫންވެސް ހެއްކާއެކު ކޮމިޝަނަރ އޮފް ޕޮލިސް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެ އެވެ.

ވަކި ޖަމާއަތަކީ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައެޅުމުން:

  • އެ ޖަމާއަތަކީ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅާފައިވާ ޖަމާއަތެއްކަން ބަޔާންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޕްރޮސިކިއުޓަރ ޖެނެރަލް އެންގުމެއް ޝާއިއުކުރާނެ.
  • މޮނިޓަރކޮށް ކޮންޓްރޯލްކުރުންފަދަ ފިޔަވަޅުތައް އެޅިދާނެ.
  • ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅާފައިވާ ޖަމާއަތެއް ކޯޓުން އެ ކަނޑައެޅުން ބާޠިލުނުކުރާހާ ހިނދަކު ނުވަތަ އާނުކުރާހާ ހިނދަކު އެ ކަނޑައެޅުން ދެމިއޮންނާނީ 2 އަހަރު ދުވަހުގެ މުއްދަތަށް.
  • ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅާފައިވާ ޖަމާއަތެއް ގެ ނަން ބަދަލުކުރުމަކުން އެ ކަނޑައެޅުމަކަށް އެއްވެސް އަސަރެއް ނުކުރާނެ.

މި ޤާނޫނުގައި ބުނެފައިވާގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް ނުވަތަ އެފަދަ ގްރޫޕަކަށް ނިސްބަތްވާ އެއްވެސް މީހަކު، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ހޯދާފައިވާ މުއްސަނދިކަމަކީ ނުޙައްޤުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅަދިނުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ޕީޖީއަށް ދީފައިވެ އެވެ. އަދި އެފަދަ ކަމެއް ކޯޓަށް ސާބިތުވެއްޖެނަމަ އެ ފައިސާއެއް ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ގޭންގް ބިލް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ