ހދ. ނޮޅިވަރަމުގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި މަޝްރޫ ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. މި މަޝްރޫ އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނޮޅިވަރަމުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ޑީސީޕީ ރިޓަޔާޑް އަހްމަދު ސައުދީއެވެ. މި މަޝްރޫއަކީ 138.39 މިލިއަން ރުފިޔާގެ މަޝްރޫ އެކެވެ.
މި މަޝްރޫޢުގެ ދަށުން 74,270 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 362 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 238 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމަށް 7,500 ކިއުބިކް މީޓަރުގެ ވެލި އެޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިއަދު ވަނީ ނޮޅުވަރަމްގެ މަގުތަށްވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ.
ހދ. ނޮޅިވަރަމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)