ހިތަށް އަންނަހާ އެއްޗެއް ލިޔުމަކީ މިނިވަންކަމެއް ނޫން ކަމަށާއި، ހުރިހާ ހައްޤެއް ވަނީ ހުދޫދުތަކާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިންގެ ތެރޭގައި ވަރަށް ރީތި ސިފަތަކެއް ހުރިކަމަށާއި ދިވެއްސަކަށްވީތީ ފަޚުރުވެރިވާ ފަދަ އެތައް ސިފައެއް ކުރިން ހުރި ކަމަށެވެ. އަދި އެ ރީތި ސިފަތަައް އިޔާދަކުރުމަކީ މިއަދު އަޒުމު ކަނޑައަޅަންޖެހޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑުމެން ކޮންމެ މީހަކަށް އަބުރަކާ އިއްޒަތަކާ ޝަރަފަކާ ލިބިފައިވާ ފަދައިން، އަނެކާއަށްވެސް ހަމައެވަރަށް އެ އަބުރާއި އިއްޒަތާއި ޝަރަފު ލިބިގެންވާކަން ޤަބޫލުކޮށް، މީގެކުރީގަ ދިވެހިވަންތަކަން ފުރިހަމަކަމާއެކީގަ، ރިވެތި ސިފަތަކާއެކީގައި އޮތްއިރުގަ މިދެންނެވި ސިފަތައް އޮތްއިރުގައި އޮތްގޮތަށް ކަންކަން ކުރަން އަޒުމުއާކުރަންވީ.“
ރައީސް މުއިއްޒު ވިދާޅުވީ މީހެއްގެ އަބުރާ އިއްޒަތާ ޝަރަފަށް އަރައިގަތުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫންކަމަށެވެ. އަދި ހިތަށްއަންނަހާ އެއްޗެއް ދުލުން ބޭރުކުރުމަކީ ލިބިގެންވާ މިނިވަންކަމެއްވެސް ނޫން ކަމަށް ވިދާޅުވި އެވެ. ހިތަށް އަންނަހާ އެއްޗެއް ލިޔުމަކީވެސް މިނިވަންކަމެއް ނޫންކަން ފާހަގަކުރެއްވި އެވެ.
—- ރަައީސްގެ ވާހަކަފުޅުގެ ތެރެއިން
މިއަދު މުޖުތަމައުގައި އަނެކާގެ އަބުރާ އިއްޒަތާ ޝަރަފަށް ބެލުމެއް ނެތްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ މީހަކަށްވެސް އެމީހަކަށް ކުރިއަށްދެވެނިކޮށް، އަދި ބޭނުންވާކަންތައް ވަނިކޮށް މިއަދު ވަރިހަމަވެފައިވާ ކަމަށެވެ. އަދި އެކަމުގައި އަނެކާއަށް ވާގޮތަށް ބެލުމެއް ނެތްކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ ދިވެހި ވަންތަކަން ނޫންކަން ފާހަގަކުރެއްވި އެވެ.
އަނެކާގެ ހައްޤުތަކަށް އަރައިގަނެ އަބުރުކަތިލާ ދޮގު ވާހަކަތައް ދެއްކުމަކީ ތިމާގެ މިނިވަންކަން ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
”ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ނޫނީ ކޮންމެ ވާހަކައެއް ބުނުމުގެ ލިޔުމުގެ މިނިވަންކަމަކީ ވަކި ހުދޫދުތަކެއްގަ އޮންނާނެ ކަމެއް. ހައްޤުތަކަކީ ވަކި ހުދޫދެއްގެ ތެރޭގައި އޮންނަ ކަމެއް. ކޮންމެ ރައިޓެއް ލިމިޓޭޝަންސްއާ އެކީގަ އޮތީ.“
ރައީސް ވިދާޅުވީ ތިމާގެ ހައްޤުތައް އަނެކާގެ ހައްޤުތަކަށް އަރައިގަންނަ ހިސާބުން ހިފެހެއްޓުންތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން، ޤައުމުގައި މިއަދު ފެތުރޭ ނުބައި އޮއެވަރު އަމިއްލައަށް ހުއްޓުވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.