ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އާދަމް ޢަބްދުއްރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފި އެވެ.
ހއ. އުތީމު އަލިމަސްގެ، އާދަމް ޢަބްދުއްރަޙްމާނަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ.
އާދަމް ޢަބްދުއްރަޙްމާނު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 26 އޮގަސްޓު 1965 ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. ކަތީބުކަމުގެ މަގާމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ. އާދަމް ޢަބްދުއްރަޙްމާނު ވަނީ ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިންފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވައިފަ އެވެ.
އާދަމް ޢަބްދުއްރަޙްމާނު އުތީމު ކަތީބުކަމުގައި ހުންނެވި ދުވަސްވަރަކީ، އޭރުގެ ރަށުގެ ޙާލަތު ހުރިގޮތުންނާއި ވަސީލަތްތައް ހުރިގޮތުން، އުނދަގޫ އެތައް ކަންތައްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ. 1970ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދިމާވި ކާޑު ލިބުން ދަތިވި މައްސަލަ ޙައްލުކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، އުތީމުން އެއްވެސް މީހަކު، ”ބަނޑަށް މަރުނުވެ“ ފުރާނަ ސަލާމަތްކުރެވުނުކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެ އެވެ.
ސަރުކާރުން އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގެވި ދުވަސްވަރު، މަސައްކަތް ކުރައްވަމުން ގެންދެވީ، މާލެއިން ރަށްރަށަށް ތަކެތި ގެންގޮސްގެން، މަސައްކަތްކުރާ ބަޔަކަށް އަގުދީގެން، އަތޮޅުއޮފީހުގެ ނުވަތަ ރަށުއޮފީހުގެ ބެލުމުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައެވެ. އާދަމް ޢަބްދުއްރަޙްމާން ހުށަހެޅުއްވީ، ކޮންޓްރެކްޓް އުޞޫލުން އެފަދަ ކަންކަން ކުރެވޭނެގޮތަކަށް އުޞޫލު ބަދަލުކުރެއްވުމަށެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމުގައި އާދަމް ޢަބްދުއްރަޙްމާން ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ހޭދަކުރެއްވިއެވެ. އެ މަޤާމުގައި ހުންނަވައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ޒަމާނަށް ދެމިހުންނަނިވި ތާރީޚީ ބިނާއެއްގެ ގޮތުގައި ބެހެއްޓެވުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އާދަމް ޢަބްދުއްރަޙްމާން މަސައްކަތްޕުޅު ކުރެއްވިއެވެ.
ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް ޢަބްދުއްރަޙްމާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.