ފެމިލީ ކޯޓުން މިދިޔަ މަހު 239 ކާވެނި އަދި 147 ވަރިކޮށްދީފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުގެ މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާގޮތުން ނިމުނު މަހު ފެމިލީކޯޓުން ވަނީ ވަރީގެ 182 މައްސަލައެއް ނިންމާފަ އެވެ. އަދި ވަރީގެ 163 މައްސަލަ ނުނިމި އޮތްއިރު، އެ ކޯޓަށް ހުށަހަޅާފައިވާ ވަރީގެ މައްސަލަތަކުގެ ތެރޭގައި ވަރިއާމެދު ޝައްކުވުމުގެ މައްސަލައާއި ވަރި ސާބިތު ކުރުމުގެ މައްސަލަތައް ހިމެނެ އެވެ.
ތަފާސްހިސާބު ދައްކާގޮތުން މިދިޔަ މަހު ފެމިލީ ކޯޓަށް ވަނީ ގެވެށި އަނިޔާގެ 9 މައްސަލައެއް ހުށަހަޅާފަ އެވެ. ގެވެށިއަނިޔާއާ ގުޅޭ 10 މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓުން ނިންމިއިރު، ނުނިމި އަދިވެސް 9 މައްސަލަ އެބައޮތެވެ.
އެ ކޯޓަށް ހުށަހަޅާފައިވާ ހަރަދުގެ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު ނިންމާފައިވަނީ 11 މައްސަލަ އެވެ. ހަރަދުގެ މައްސަލަތަކުގެ ތެރެއިން ނުނިމި ހުރީ 26 މައްސަލަ އެވެ. މި މައްސަލަތަކުގެ ތެރޭގައި އަނބިމީހާއަށް ހަރަދުނުދިނުމުގެ މައްސަލައަކާއި ސާބިތު ހަރަދުގެ މައްސަލައާ ދަރިންގެ އެހެނިހެން ހަރަދު ހޯދުމުގެ މައްސަލަތައް ހިމެނެ އެވެ.
ކުޑަކުދިންނާއި ގުޅުން ހުރި 14 މައްސަލައެއް ފެމިލީ ކޯޓުން ނިންމާ ފައިވާއިރު 35 މައްސަލަ ނުނިމި އޮތްކަމަށް ތަފާސްހިސާބުން ދައްކަ އެވެ. މީގެ ތެރޭގައި ދަރިން ނުދެއްމުގެ މައްސަލަ އަދި ޙަޟާނަތު ގެ މައްސަލަ ވެސް ހިމެނެ އެވެ.
ތަފާސްހިސާބުން ދައްކާގޮތުން ޖުލައި މަހު ފެމިލީ ކޯޓުން ޖުމްލަ 230 މައްސަލައެއް ބަލައި ނިންމާފައިވެ އެވެ.