ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ކުރިމަތިލައްވައިފި އެވެ.
ހައިކޯޓުގެ ދެ ފަނޑީޔާރެއްގެ މަގާމު ހުސްވެފައިވުމާ ގުޅިގެން، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލި އެވެ. އެފަހަރު ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޖޭއެސްސީން ނިންމީ ކުރީގެ ގާޒީ ޢަބްދުﷲ ޖަމީލް މޫސާ އަދި މުޙައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށެވެ.
އެހެންނަމަވެސް މުހައްމަދު ޝަހީދު ވަނީ އޭނާ އެމަގާމަށް އައްޔަނު ކުރުމަށް ނިންމުމުން ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން މަގާމާ ހަވާލުވުމަށް އުޒުރުވެރިވާކަން ހާމަކޮށްފަ އެވެ. އެހެންކަމުން ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ އެފަހަރު ކުރެއްވީ ކުރީގެ ގާޒީ ޢަބްދުﷲ ޖަމީލް މޫސާ އެކަނި އެވެ.،
މިފަހަރު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ އޮގަސްޓް 5 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވަނީ މާދަމާގެ މެންދުރު 12:00 އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ހައިކޯޓް ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ހިމެނިވަޑައިގަންނަވަ އެވެ.
ގާޒީ މާހިރު ފަނޑިޔާރު ކަމުގެ މަގާމަށް އެންމެ ފުރަތަމަ ވަޑައިގަތީ 9 ނޮވެމްބަރު 2005 ގައެވެ. އެގޮތުން އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ 23 މޭ 2010 ގައި ބަދަލުވެވަޑައިގަތެވެ. އަދި އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނު ކުރެއްވީ 2022 އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.