ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބާ ރަންވޭ، ޓެކްސީވޭ-ޗާލީ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމި، އެމްއޭސީއެލްއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ނިމުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ ހުރިހާ އެއާލައިނަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލްގެ ޗެއާޕާސަން އައިޝަތު ނޫރްޢައިން ޖަނާހު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމުނުކަން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗެއާޕާސަން ނޫރްޢައިން ވިދާޅުވީ، ޓެކްސީވޭ-ޗާލީ ތަރައްޤީކުރުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސަފުހާއެއް ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްޤީގައި ބީޔޫސީޖީއަކީ މުހިންމު އަދި އިތުބާރުހުރި ބައިވެރިއެއްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގައި ކަމަށާއި، އަމަލީ މަސައްކަތް ފެށީ 10 އޭޕްރިލް 2025 ގައެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިންމާފައިވަނީ ޝެޑިއުލްއަށްވުރެ 84 ދުވަސް ކުރިންނެވެ.
3200 މީޓަރު ދިގު ޓެކްސީވޭ-ޗާލީއަކީ 1976 ވަނަ އަހަރު ހެދި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭ ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭ ވަރަށް ތަރައްޤީ ކުރީ 1981 ވަނަ އަހަރުއެވެ. 2004 ގެ ސުނާމީ ކާރިސާގައި ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އަވަސް އަވަހަށް މަރާމާތުކުރަން ޖެހުނު މި ރަންވޭ، ޓެކްސީވޭއަކަށް ބަދަލުކޮށްފައިވަނީ އޮކްޓޯބަރު 2022 ގައި، މިހާރު ބޭނުންކުރަމުންދާ ކޯޑް އެފް ރަންވޭ ހުޅުވުމާ ގުޅިގެންނެވެ.
މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ލިޔުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވަނީ ބީޔޫސީޖީގެ ޕްރޮޖެކްޓް ޑިރެކްޓަރު ކަންގް ގުއަންގް ބޯއާ ހަވާލުކުރައްވާފައެވެ.
އައިޝަތު ނޫރްޢައިން ޖަނާހު އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)