ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ޚިދުމަތް ދޭން ފަށައިފި އެވެ.
މި ދެ އެއާލައިނަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފްގެ އިތުރުން، ބަޓިކް އެއާ މާލޭގެ ސްޓޭޝަން މެނޭޖަރު އަލީ ޝިނާން އަދި ބެންކޮކް އެއާވޭސްގެ ސްޓޭޝަން މެނޭޖްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ނިތިތަމް ކަކަނުމްޕޯން އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމުގެ އިތުރުން، ޓާމިނަލް 1 އަށް ކައިރިކުރި ބަޓިކް އެއާގެ ފުރަތަމަ މަތިންދާބޯޓު، އޯޑީ293-5 އަށާއި ބެންކޮކް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓު ޕީޖީ711-2 އަށް ވޯޓާ ސެލިއުޓް އަރުވައި، އެ ފްލައިޓުތަކުން ރާއްޖެ އައި ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައިވެ އެވެ.
ޓާމިނަލް 1 އިން މިހާރު ޚިދުމަތް ދެމުންދާ އެއާލައިންތަކުގެ ތެރޭގައި މޯލްޑިވިއަން، އެއާ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާ އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސް ހިމެނެއެވެ. މިއަދު ޚިދުމަތް ދޭން ފެށި ދެ އެއާލައިން އާއެކު ޓާމިނަލް 1 އިން ޚިދުމަތް ދޭ އެއާލައިންތަކުގެ އަދަދު ވަނީ ހަތަކަށް އިތުރުވެފަ އެވެ.
އެމްއޭސީއެލްއިން ބުނީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމުގަ އެވެ.