ދ. ވައްލައަކީ އެއަތޮޅު ކުޑަހުވަދޫގެ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މި ނިންމުން ނިންމަވާފައިވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.
”ދ. ކުޑަހުވަދޫގެ އިޤްތިޞާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތަށް، ދ. ވައްލަ ހަމަޖައްސައިދެއްވާނެ“ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ މާރިޗު މަހު ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައެވެ.
މި ނިންމުމާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލުގައި ހިމެނޭ ރަށްތަކުގެ ލިސްޓަށްވެސް ބަދަލު ގެނެސް، އަދާހަމަކުރުމަށްފަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ.
މި ނިންމެވުމާއެކު، ދ. ވައްލައަކީ ދ. ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ހަމަޖެހި، އެރަށުގެ އިޤްތިޞާދީ މަސައްކަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދާނެއެވެ.
