ފަލަސްތީނުގެ ނަސްލުނައްތާލުމަށް، އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަަށް މުޅި ޣައްޒާ ގެނައުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ޣައްޒާ ސިޓީ އިސްތިއުމާރު ކުރުމުގެ މަސައްކަތް އިޒްރޭލުގެ އަސްކަރިއްޔާއިން ފަށައިފި އެވެ.
ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި ޣައްޒާ ސިޓީ އިސްތިއުމާރު ކުރުމަށް ޔަހޫދީންގެ ލަޝްކަރުންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ޣައްޒާ ސިޓީގައި ދިރިއުޅޭ ގާތްގަނޑަކަށް މިލިއަނެއްހާ ފަލަސްތީނު ރައްޔިތުން ގަދަކަމުން ޣައްޒާ ސިޓީން ބޭރުކޮށް ޣައްޒާގެ އެހެން ހިސާބުތަކަށް ދިއުމަށް އިޒްރޭލުން އަންނަނީ މަޖުބޫރުކުރަމުންނެވެ. އަދި އެމީހުންގެ ގެދޮރު ގޮށްވާ ސުންނާފަތިކޮށް މުޅި ޣައްޒާ ސިޓީ ބިމާ ހަމަކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
މުޅި ޣައްޒާ އެއްކޮށް ހިފުމަށް ޔަހޫދީ ސަރުކާރުން ނިންމާ އެކަން ކުރާނެކަން އިއުލާނުކޮށްފައިވާއިރު، މިކަމަށް ބޭނުންވާ 60،000 ސިފައިންގެ ލަޝްކަރެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރާ ހަވާލާދީ އަސްކަރިއްޔާއިން ބުނެފައިވަނީ، ކުރިއަށް އޮތް ހަފްތާތެރޭގައި 60،000 ސިފައިންގެ ލަޝްކަރުން އެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އިތުރު 20،000 ސިފައިންގެ ލަޝްކަރެއް ތައްޔާރީ ހާލަތުގައި އޮންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށް ޣައްޒާ އިސްތިއުމާރު ކުރުމުގެ މަސައްކަތް އިޒްރޭލުން ފަށާފައިވާއިރު، ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވެވޭތޯ ޤަތަރާއި އެހެންވެސް ޤައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސްއިން އެއްބެސްވެފައިވާއިރު އެ ހުށަހެޅުމަށް ޔަހޫދީ ސަރުކާރުން ވަކި ޖަވާބެއް ދީފައެއް ނުވެ އެވެ.
ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިޒްރޭލުން ޣައްޒާގައި އިންތިޒާމުވެގެން ހިންގަމުންދާ ޖަރީމާގައި، 2023 އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 62,122 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި 156,758 މީހުން ޒަހަމުކޮށްލާފައިވެ އެވެ.