ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ބޮޑު ފޮޅުދޫގައި 50 ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރުގެ ކުރީކޮޅުގައި ފަށައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުފޮޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ބޮޑުފޮޅުދޫއަށް ދިމާވެފައިވާ ހައުސިން މައްސަލަ ހައްލުކޮށްދިނުމަށް އެ ރަށުގައި 50 ހައުސިން ޔުނިޓު އަޅައިދޭނެކަމަށެވެ.
”މިއަންނަ އަހަރުގެ ބަޖެޓުގައި މިރަށުގެ ހައުސިން މައްސަލަ، ގެދޮރުގެ މައްސަލަ ހައްލުކުރުމަށް 50 ހައުސިން ޔުނިޓު އެޅުމަށް ބަޖެޓުގައި ކަނޑައަޅާނަން. އަދި އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅުގައި އަމަލީ މަސައްކަތް ފަށައިދޭނަން،“ ރައީސް ވިދާޅުވިއެވެ.
ޖުމްލަކޮށް މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
”އަޅުގަނޑު ކަނޑައަޅާފައި އޮތް ގޮތް އަދި ކުރިން ވެސް ހަމަ ވަރަށް ސާފުކޮށް އަޅުގަނޑު ބަޔާންކޮށްދިން ސާފުކޮށްދިން ސިޔާސަތު. އެއީ ކޮންމެ އަހަރެއްގެ ވެސް ބަޖެޓުގައި ވެސް މަޝްރޫއު ތަކުގެ ތެރެއިން އެއް ދާއިރާ އަކަށް އެންމެ އިސްކަންދޭނީ ހައުސިން މަޝްރޫއުތައް ހިންގުމަށް.“ ރައީސް ވިދާޅުވިއެވެ.
މި ސިޔާސަތުގެ ދަށުން މިއަންނަ އަހަރަށް އެކުލަވާލާ ބަޖެޓުގައި ވެސް އަދި މި އަހަރު ކުރިއަށް ގެންދަން ނިންމާފައި ހުރި މަޝްރޫއު ތަކުގެ އިތުރަށް ފަށާ އާ މަޝްރޫއު ތަކުގެ ތެރޭގައި ވެސް އެންމެ އިސްކަން ދެއްވާނީ ހައުސިން މައްސަލަ ހައްލުކޮށް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.



