ދިވެހިންނަށް ކުލީ ކޮޓަރި ދޫކުރުމުގެ ވިޔަފާރި ކުރާ ފަރާތްތައް ދެނެގަނެ، އެ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އައްސަވައިގަތުމުގެ ތެރެއިންނެވެ.
ބައްދަލުވުމުގައި ވާހަކަ ދެއްކެވި އެއް ވިޔަފާރިވެރިއަކު ވަނީ ދިވެހިންނަށް ކުލީ ކޮޓަރި ދޫކުރުމުގައި ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މި ވިޔަފާރީގައި 15 އަހަރު ހޭދަކޮށްފައިވީ ނަމަވެސް، އެ ވިޔަފާރިއަށް އެއްވެސް ރަސްމީ ދެނެގަތުމެއް (ރިކޮގްނިޝަން) ލިބިފައިނުވެ އެވެ. މިކަމުގެ ސަބަބުން ބިދޭސީން ގެނައުން ފަދަ ކަންކަމުގައި ވެސް ފަތުރުވެރިކަން ކުރާ ގެސްޓު ހައުސްތަކުގައި އޮންނަ އުސޫލުތައް ހިނގާކަން އޭނާ ފާހަގަކުރި އެވެ.
ކަންބޮޑުވުން ފާޅުކުރި ފަރާތުން ވަނީ ގެސްޓް ހައުސްއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާ ހިސާބުން، ޓޫރިޒަމް ދާއިރާގެ ޓެކްސްތައްވެސް އެ ފަރާތްތަކުން ދައްކަންޖެހޭކަން ފާހަގަކޮށްފަ އެވެ. ނަމަވެސް އެ ޓެކްސްތަކާއެކު، ހިދުމަތްދޭން ފަށައިފިނަމަ މާލެއިން ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރީގެ އަގު އަތްނުފޯރާ ފަށަށް އަރާނެކަން އޭނާ ފާހަގަކުރި އެވެ. އޭގެއިތުރުން އެފަދަ ވިޔަފާރިތަކަށް ބޭނުންވާ ބިދޭސީން ނުލިބުމުގެ މައްސަލައާ، އެފަދަ ވިޔަފަރިތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިވެރިންގެ އަދަދު އިތުރުކަންވެސް އޭނާ ފާހަގަކުރި އެވެ.
މި ޝަކުވާތައް އަޑުއެެއްސެވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިންނަށް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
”އެކަމުގައި އުޅުއްވާ ކަމާބެހޭ މިނިސްޓްރީތަކުން އިކޮނޮމިކް މިނިސްޓްރީ އާ އެކީ މަޝްވަރާކޮށް ނޫނިއްޔާ އެކަމަށް ހައްލެއް ގެންނާނަން. ލޯކަލްފަރާތްތަކަށް ދިވެހިންނަށް ގެސްޓު ހައުސް ހިންގާ ފަރާތްތައް ރިކޮގްނައިޒް ކޮށް އެ ފަރާތްތަކަށް މިހާރު ދިމާވާ މައްސަލަތައް ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ އެކަން ދާދި އަވަހަށް ހަމަޖެހިގެންދާނެ.“
ރައީސް އިތުރަށް ވިދާޅުވީ، ދިވެހިންނަށް ދޭން ޖެހޭ ފުލް ރިކޮގްނިޝަން ދީ، އެ ވިޔަފާރިތައް ކުރިއަށް ގެންދެވޭނެ ކަމަށާއި، މިކަންކަން މާ ގިނަ ދުވަހެއް ނުވެ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ހިމެނޭ ގޮތަށް ހުރިހާ ވިޔަފާރިއެއް ކުރިއެރުވުމަށް ކަމަށް އެމަނިކުފާނު ވިދާޅު ވިއެވެ.



