ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖާ ޓާމިނަލް، ޓާމިނަލް 1 އިން އެއާ އަރަބިއާ އެއާލައިންސްއަށް ޚިދުމަތް ދޭން މިއަދު ފަށައިފި އެވެ.
މިއީ އާ ޓާމިނަލުން ބައިނަލްއަޤްވާމީ އެއާލައިނަކަށް ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
މި މުހިންމު މުނާސަބަތު ފާހަގަކުރުމަށް ޓާމިނަލް 1 ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސް ވެރިންނާއި އެއާ އަރަބިއާގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި އެއާ އަރަބިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، 171 ފަސިންޖަރުންނަށް ހަދިޔާ ބެހުމުގެ އިތުރުން، ޓާމިނަލް 1 އަށް ކައިރިކުރި އެއާ އަރަބިއާގެ ފުރަތަމަ ފްލައިޓަށް ވޯޓަރ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 165 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔުނެވެ.
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިނެއް ކަމަށްވާ އެއާ އަރަބިއާއިން މިހާރު ޝާރްޖާ އާއި މާލެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރެ އެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން ދުވާލަކު ދެ ދަތުރަށް މި ސަރވިސް އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ.
ޓާމިނަލް 1 އަށް އެންމެ ފުރަތަމަ އޮޕަރޭޝަންތައް ބަދަލުކުރެވުނީ ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންއަށެވެ. އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަހުގެ ތެރޭގައި އިތުރު ހަތް އެއާލައިނެއްގެ އޮޕަރޭޝަންތައް މި ޓާމިނަލަށް ބަދަލުކުރެވޭނެ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
އައިޝަތު ނޫރްޢައިން ޖަނާހު އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)


