ޖަޕާންގެ އުތުރަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި އެވެ.
ޖަޕާނުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަޕާނަށް އައިސްފައިވަނީ 7.6 މެގްނިޓިއުޓްގެ ބާރުގަދަ ބިންހެލުމެކެވެ.
މި ބިންހެލުމާއި ގުޅިގެން ޖަޕާނުގެ އެކި ހިސާބުތަކަށް 3 މީޓަރުގެ އުސްމިނުގެ ސުނާމީއެއް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
ސުނާމީގެ އިންޒާރު ޖަޕާންގެ އެކި ހިސާބުތަކަށް ނެރެފައިވާއިރު، ޖަޕާނުގެ އައްސޭރިފަށުގެ ބައެއް ހިސާބުތަކަށް 50 ސެންޓިމީޓަރުގެ ސުނާމީތަކެއް އަރާފައިވާ ކަމަށްވެސް އެގައުމުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މި ބިންހެލުމާއި ގުޅޭގޮތުން ޖަޕާނުގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީ ވިދާޅުވީ، އެގައުމުގެ ސަރުކާރުން ކުއްލި ޓާސްކް ފޯހެއް އުފައްދައިގެން ލިބުނު ގެއްލުންތަކުގެ މިންވަރު އަވަސް ގޮތެއްގައި ވަޒަންކުރަމުންދާ ކަމަށެވެ.
މި ބިން ހެލުމާ ގުޅިގެން ރޭލްގެ ބައެއް ހިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބަހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
މި ބިންހެލުމުގައި ބައެއް މީހުންނަށް އަނިޔާވެ އެކަން ރިޕޯޓުކޮށްފައިވީނަމަވެސް އެއްވެސް މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.


