އެމްއެމްޕީއާރްސީ ހިޔާނާތުގެ 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާއެކު ހޯދިއްޖެ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާގުޅޭ ހާއްސަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މި މައްސަލައަކީ އެމްޕީއެލްއަށް 28 މިލިއަން ރުފިޔާ ގެއްލުނު މައްސަލައެއް ކަމަށާއި މައްސަލައިގައި ހުރި ލިޔެކިޔުންތަކަށް އަދި ކަންކަމަށް ބެލުމުން، ޖެހިލުމެއް ނެތި ވައްކަން ކޮށްފައި ހުރިކަން އެނގޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެފްއެސްއެމްގެ އޮޑިޓެއް ހައްދަވައިދިނުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށެވެ. އެ އޮޑިޓް ނިމުުން އެފްއެސްއެމްގެ ކަންކަން ސާފުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަތައް މިސަރުކާރުން ބަލާނެކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ޔުނިފޯމްއެޅި އިދާރާތައް އޮޑިޓް ކުރުމުގެ ހުއްދަ ދެއްވުމާއެކު އޮޑިޓަރ ޖެނެރަލް ޕޮލްކޯ އޮޑިޓްކޮށްފައިވާ ކަމަށެވެ. އެ އޮޑިޓް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ކަމަށާއި އަދި އޭގެތެރެއިން ވަރަށްގިނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
”އޭގެތެރެއިން ފާހަގަކުރެވިފައިވޭ، އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ވަނީ [އޮޑިޓް ތެރެއިން] ފާހަގަކުރެވިފައި.“ ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް، ހެއްކާ ގަރީނާއާއެކު ހޯދިފައިވާ ކަމަށެވެ. އެހެންކަމުން ކޮރަޕްޝަންގެ ކަންކަމުގައި މި ސަރުކާރުން ފިޔަވަޅުއަޅާކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މިސަރުކާރުން ކޮރަޕްޝަންގެ ކަންކަމުގައި ކުންފުނިތަކުގެ އެމްޑީން ބަދަލުކޮށް ކަންކަން ކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް ކޮރަޕްޝަންގެ ކަންކަމުގައި ކުރަންޖެހޭ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މ. ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް



