ރައްޔިތުންގެ މަޖިލީހުގެ އިމާރާތަކީ ޕާކިސްތާނާއި ރާއްޖޭގެ ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ، ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލިސް ”ނެޝަނަލް އެސެމްބްލީ އޮފް ޕާކިސްތާން“ ގެ ރައީސް ސަރްދާރް އަޔާޒް ސޯދިޤްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަަވަމުންނެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ސަރްދާރް އަޔާޒް ސޯދިޤްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. އަދި ރާއްޖޭގެ ތައުލީމާއި ސިއްހީ ދާއިރާއަށް ޕާކިސްތާނުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމަށްފަހު، ރައްޔިތުންގެ މަޖިލީހާއި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އެއްބާރުލުން ދިނުމާ ބެހޭ އެމް.އޯ.ޔޫ އެއްގައި ވަނީ ސޮއިކުރައްވާފަ އެވެ. މި އެމް.އޯ.ޔޫގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފެށުމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން މަޖިލީހުގެ ރައީސްގެ ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް



