އައްޑޫ ސިޓީ ހިތަދޫގައި، ސައިކަލެއްގައި ރޯކުރި މައްސަލައެއްގައި ބައިވެރިވި މީހުން ބޭނުންކުރި ކާރު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ހިތަދޫ މަގެއްގައި ބަހައްޓައިފާ ހުރި ސައިކަލެއްގައި ރޯކޮށްލާފައިވާ ވީޑިއޯއެއް ޖަވިޔަނި ނޫހަށް ވަނީ ލިބިފަ އެވެ. އެ ވީޑިއޯއާއިި ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން ވަނީ އެ މައްސަލަ ބަލަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން ’ޖަވިޔަނި‘ އަށް މައުލޫމާތު ދެއްވަމުން ބުނީ، މި މައްސަލައިގައި ބައިވެރިވި މީހުން ބޭނުންކުރި ކާރު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ޖަވިޔަނި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސައިކަލުގައި ރޯކޮށްލާފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ 4 ގްރޫޕެއްގެ މެދުގައި ހިނގި ހަމަ ނުޖެހުމެއްގެ ތެރެއިން ކުރި ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން ސުވާލު ކުރުމުން ފުލުހުން ވަނީ ސައިކަލުގައި ރޯކޮށްލި މައްސަލައާ މިފަދަ ކަމަކާ ގުޅިފައިވާކަން ތަހުގީގަށް އަދި ކަށަވަރުވެފައި ނުވާކަމަށް ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.