މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުހައްގު މުއްސަނދިކަން ހޯދާ: ނާޒިމް

Advertisement

Advertisement

އެންމެ ފަސް

Advertisement

މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުހައްގު މުއްސަނދިކަން ހޯދާތަން ފެންނަ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން މި ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި އިސްލާހުތައް މުހިންމުވަނީ ދެފުށްފެންނަ ގޮތަކަށް ދައުލަތަށް ލިބޭ އާމްދަނީތައް ލިބިގަތުމާއި، ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަކީ މުހިންމު ކަމަށްވާތީ ކަމަށެވެ.

ކުރީ ސަރުކާރުން ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިންކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ރިސޯޓުތަކުން ދައްކަންޖެހޭ ކުލި ފަސްކޮށްދިނުމާއި ކުލި ނުދެއްކުމުން އެކި ޖުރިމަނާ މާފު ކޮށްދިނުމާއި ބައެއްފަހަރު އެއްކޮށް ކުލި މާފުކޮށްދީފައިވެސް ހުރި ކަމަށެވެ. އަދި އެކަންކަން ކޮށްފައިވަނީ ދެފުށްފެންނަ ގޮތަކަށް ނޫންކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް މި އިސްލާހުގެ ސަބަބުން ދެފުށްފެންނަ ގޮތަކަށް ކަންކަން ކުރުމަށް މީރާއަށް މަގުފަހިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިހާރު ހުށަހަޅާފައިވާ އިސްލާހުގައި މިރާގެ ވެރިންގެ މާލީ ބަޔާން ހުށަހެޅުމާއި އެފަދަ ކަންކަން ހިމަނާފައިވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

”އަޅުގަނޑުމެނަށް މިހާރު މި ފެންނަނީ، މުއައްސަސާތަކުގެ އިސްވެރިންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ނުހައްޤު މުއްސަނދިކަން ހޯދާ، އެ މުއްސަނދިކަން ފަށަލަކޮށް ފޮރުވާ، އާއިލާގެ މީހުންގެ މައްޗަށްވެސް އެ މުއްސަނދިކަން ފަތުރާތަން.“

އެހެންކަމުން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ރަނގަޅު ދިމާލަކަށް އެޅޭ ފިޔަވަޅެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށްވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ. އަދި މި އިސްލާހު ފާސްކުރުމަކީ މީރާގެ ކަންކަން އިސްލާހުކޮށް ކުރިއަށްގެންދިއުމަށް ލިބޭ ވަރަށްބޮޑު ބާރަކަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިދީ، އެކަމާބެހޭ އުސޫލުތައް ޤާނޫނުގައި، ހިމެނުމަށާއި ޤާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި، ތަޙްޤީޤުތައް ހިންގުމުގެ އުސޫލުތަކާއި، އިޖުރާއަތުތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް ޓެކުހާގުޅޭ ކުށާއި ކުށުގެ އަދަބުތައް އިޞްލާޙުކުރުމުގެ އިތުރުން، ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒުކުރުން ހަރުދަނާކުރުން ކަމަށެވެ.

މި އިސްލާހުގައި ވަނީ ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށުގެ ޖިނާއީ އަދަބު ބޮޑުކޮށްފަ އެވެ. އަދި އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއެއް ދެއްކުމުން، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި، ނުވަތަ އެކަން އެގޮތަށް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި ކުރާ ކަންކަމުގެ ކުށުގެ އަދަބު ބޮޑުކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މ. ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ