މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު މާލޭ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނާ ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް، އަދިވެސް އޭނާގެ ބަޔާނެއް ނުނެގޭކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުންނާއި ރިޔާސީ ކޮމިޝަނަށް ވެސް ޔުމްނާގެ ބަޔާން ލިބިފައިނުވާއިރު، ބަޔާން ނެގުމަށް އާއިލާގެ އެއްބާރުލުން ނުލިބޭކަމަށް ދެ ފަރާތުން ވެސް މީގެކުރިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އާއިލާއިން ބުނެފައިވަނީ މެލޭޝިއާގެ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައި ވިޔަސް، ޔުމްނާގެ ހާލަތު ހުރިގޮތުން ބަޔާން ދެވޭވަރު ނުވާކަމަށެވެ.
ޔުމްނާގެ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ވެސް ހޯދަމުންދާކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. އަދި އޭނާ މެލޭޝިއާއަށް ފުރި ފަހުން، މެޑިކަލް ޑޮކްޓަރަކާއެކު ދެ ފުލުހަކު އެ ގައުމުގައި ގާއިމްވެ ތިބިކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
އެ މައްސަލާގައި ޔުމުނުގެ ބަޔާން ނެގިއްޖެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެމުން ފުލުހުންގެ އިދާރާއިން ބުނީ، އަދިވެސް ބަޔާން ނެގިފައިނުވާ ކަމަށެވެ.
ރިޔާސީ ކޮމިޝަނުގެ ހޯދުންތައް
ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި ރިޔާސީ ކޮމިޝަނުގެ އިންކުއަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޔުމްނާ ވެއްޓިފައިވަނީ 18 އޭޕްރީލް 2023 ދުވަހުގެ ފަތިހު 04:54:22 ގައެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހ. ފެންޓެނޯގެ ޓެރަހުގެ ދޮރު އެރޭ ހުޅުވާފައި ހުރިކަން އެނގެން ނެތްއިރު، އެ ޓެރަހުގެ ތަޅު ޖޭމްވެފައި ހުރިކަމާއި، ތަޅުދަނޑި ޖަހައިގެން ނޫނީ ނުހުޅުވޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ޓެރަހުގެ ރެއިލިންގްސްއިން އެއްވެސް ފަރާތެއްގެ ފިންގަރ ޕްރިންޓެއް ލިބިފައިނުވާ ކަމަށާއި، އެހެންކަމުން ޔުމްނާ ވެއްޓުނީ ޓެރަހުން ކަމަށް ނުފެންނަ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި ޔުމްނާ ވެއްޓިފައިވަނީ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުންނެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، ޔުމްނު ވެއްޓުމުގައި ރައުދު ފިޔަވައި އެހެން މީހެއްގެ ބައިވެރިވުން އަމަލީގޮތުން ނުވަތަ އެނޫން ގޮތަކަށްވެސް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ރައުދު ގަސްތުގައި ޔުމްނު ފުރާޅު މައްޗަށް ވައްޓާލިކަމަށްވެސް ކޮމިޝަނަށް ނުފެންނަ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން ކޮމިޝަންގެ ހޯދުންތަކުން ޔުމްނު އަމިއްލަ އިޚްތިޔާރުގައި ފުންމާލި ކަމަށް ބެލެވެން ނެތްކަަމަށްވެސް އިންކުއަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
”… ރައުދު އަހްމަދު އާއި ހައްވާ ޔުމްނު މަސްތުގެ ހާލަތަށް އައީ އެ ދެމީހުންގެ އަމިއްލަ އިޚްތިޔާރުގައި ކަމަށްވާތީ، އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އެ ދެމީހުން އުފުލަން ޖެހޭނެތީ، މި ހާދިސާ ހިނގި ރޭ އެވަގުތު، ހައްވާ ޔުމުއާއެކު މަސްތުގެ ހާލަތުގައި އުޅުނީ ރައުދު އަހްމަދު ކަމަށްވެފައި، ހައްވާ ޔުމްނު ވެއްޓުމުގެ ކުރިން މި ދެމީހުންގެ ހަރަކާތްތަކަށް ބަލާއިރުގައްޔާއި، އަދި އެރޭ މއ. މާންދޫގޭ ދެކުނުގެއިން ނުކުތް ފަހުން ހ. މާއިރާއަށް ދިޔުމާ ދޭތެރޭ ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާންނެތް ކަމަށް ރައުދު އަހުމަދު ބުނެފައިވާތީ، ހައްޔާ ޔުމްނު ހ. ފެންޓެނޯއީ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ވެއްޓުމުގައި ރައުދު އަހްމަދުގެ އިހުމާލު އޮތްކަމަށް މި ކޮމިޝަނަށް ބުރަވެވެ އެވެ.“ ރިޔާސީ ކޮމިޝަންގެ އިންކުއަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.
