ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް ބަދަލުވުމާ ގުޅިގެން ހުސްވި ދެ މަޤާމަށް 17 ފަރާތަކުން ކުރިމަތިލާފައިވާއިރު، ޖޭއެސްސީގެ ބައްދަލުވުމެއްގައި ވަނީ މުހައްމަދު ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ޤާޟީ އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރުމަށް ނިންމާފަ އެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނީ ވަކީލު އަހުމަދު ނައުޝާދު އެވެ. ނައުޝާދު ވަނީ މި މައްސަލަ ނިމެންދެން ޝަހީދު ހައިކޯޓަށް އައްޔަންކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. ނައުޝާދަކީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅެކެވެ.
ނައުޝާދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ޝަހީދު އައްޔަންކުރަން ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ. ސަބަބަކީ ޝަރުއީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިވަޑައިގެންފައިވާ އެތައް ބަޔަކު ތިބުންކަމަށް ބުނެފައިވެ އެވެ.
މުހައްމަދު ޝަހީދަކީ މި ސަރުކާރުގެ ކުރީކޮޅު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރެވުނު ފަރާތެއް ކަމަށްވާއިރު، އޭނާ ވަނީ މި މަހުގެ ކުރީކޮޅު އެ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި މި މަޤާމަށް އައްޔަންކުރެވުމުގެ ކުރިން ޕީއެންސީ އަދި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ވެސް ބައިވެރިވެފައިވެ އެވެ.
ހައި ކޯޓު ސިވިލް ކޯޓު ސުޕްރީމް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)