އުމްރާވެރިންނަށް ލަނޑުދޭ، އަސްކޮއި ގުރޫޕްގެ ހުއްދަ ހިފަހައްޓައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އުމްރާއަށް ގެންދަން ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ނަގައި ލަނޑުދިން މައްސަލައިގައި އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހުއްދަ ހިފަހައްޓައި، އެ ކުންފުނި ޖޫރިމަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އުމްރާއަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން އެމީހުންގެ ޕާސްޕޯޓާއި މުހިންމު ލިޔެކިޔުންތައް ހޯދުމަށް އަސްކޮއި ގްރޫޕްގެ އިސްވެރިންނާ ގުޅަން މަސައްކަތް ކުރުމުން އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވެއެވެ. އަދި މިނިސްޓްރީން ރަސްމީކޮށް ފޮނުވި ސިޓީތަކަށްވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަސްކޮއި ގްރޫޕުން ފައިސާ ދެއްކި ފަރާތްތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މަހުގެ 24 ވަނަ ދުވަހު ފުރަން ހަމަޖެހިފައި އޮތް ދަތުރު، ގަލްފު ސަރަހައްދުގެ ހަނގުރާމައިގެ ސަބަބުން އެހެން ދުވަހަކަށް ފަސްކުރަން ޖެހިފައިވާ ކަމަށެވެ. ”މިވަގުތު ސައުދީ އަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫން“ ކަމަށް އެ މެސެޖްގައި ބުނެފައިވެއެވެ.

މިނިސްޓްރީން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އުމްރާއަށް މީހުން ގެންދިޔުމަށް ދީފައިވާ ހުއްދަ ހިފެހެއްޓުމާއި ޖޫރިމަނާ ކުރުމުގެ އިތުރުން، އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށްވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުން ހިމެނެއެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހު އުމްރާއަށް ދިޔުމަށް ދުރާލާ ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފައިސާ އަނބުރާ ދިނުމަށްވެސް އަސްކޮއިއަށް އަންގާފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާފައެވެ. އަދި މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް އިދާރީ އަދި ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ލަސްނުކޮށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ