ލ. މާވަށުގައި މީހަކަށް ވަޅިއަކުން ހަމަލާދީ މަރާލައިފި އެވެ.
އެރަށުން ”ޖަވިޔަނި“ އަށް މައުލޫމާތުދިން މީހަކު ބުނެފައިވަނީ، މަރުވެފައިވަނީ ނަލަހިޔާ، ލ. މާވަށް މޫސާ އިބްރާހީމް، 29 އަހަރު، ކަމަށެވެ.
އެރަށުގެ ވޮލީ ކޯޓް ސަރަހައްދުގައި ހުއްޓާ އޭނާއަށް ހަމަލާދީފައިވަނީ ވަޅިއަކުން ކަރަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަނިޔާވެފައިވާ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.