ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ އެންމެން އެއް މިސްރާބެއްގައި، ޤައުމީ ލޯބީގައި ކުރިއަށް ގޮސްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިނިވަން ކަމަކީ ވަރަށް ގިނަ ބައެއްގެ އިޚްލާސްތެރި ޤައުމީ މަސައްކަތުން ހިމާޔަތްކުރެވިގެން ރައްޔިތުންނަށް ލިބިފައިވާ އެއްޗެއް ކަމަށެވެ.
އެހެންކަމުން އެންމެންގެވެސް ފަރުދީ ޒިންމާއަކަށް ވާންވާނީ މިދެންނެވި ހުރިވާ ބޭފުޅުން ކުރެއްވި ޤައުމީ ބުރަ މަސައްކަތް އަމާނާތްތެރިކަމާއެކު އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން ކުރެވޭނީ މިނިވަންކަން ރައްކާތެރިކުރުމަށް އެމީހެއްގެ ޒިންމާ އޮތްކަން ޤަބޫލުކޮށްގެން އެޒިންމާ ފުރިހަމައަށް އަދާކޮށްގެންކަމަށްވެސް ވިދާޅުވި އެވެ.
އެކި ދުވަސްވަރު އެކި ވެރިން ކުރައްވާ މަސައްކަތް ކުރެއްވިނަމަވެސް އެމީހއްގެ ފަރުދީ ޒިންމާ އަދާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އަދި ސިޔާސަތަކަށް ވާނީ ދިވެހިން އިސްކުރުން ކަމަށެވެ. ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެ ކަމަށާއި، އެހެންނަމަވެސް ކަންކުރާނީ ދިވެހިން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އިމުގެ ތެރޭގައި ކުރަންޖެހޭކަންކަން ދިވެހިންގެ އަތުން ކުރަންވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެހެން ޤައުމުތަކާ ރަހުމަތްތެރި ގާތްގުޅުން ބޭއްވަވާނެކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެއީ މިސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
”މިކަންވެސް ކުރިއަށް ގެންދެވޭނީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާ އަޅުގަނޑުމެން އަދާކުރަން އަޒުމުކަނޑައަޅައިގެން. އެކި މީހުން އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ޤައުމެއް ނޯންނާނެ. އެންމެން އެއް މިސްރާބެއްގައި، ޤައުމީ ލޯބީގައި މިދެންނެވި ވިސްނުމުގައި ކުރިއަށްދާ ހިނދު އެކަނި ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ.“
އެހެންކަމުން މިގޮތަށް މި އަޒުމު ކަނޑައަޅަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިވަން ދުވަސް



