ޖުމްހޫރީ ޕާޓީގެ ލީޑަރި އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް އަރުވައިފި އެވެ.
ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި، ޤާސިމްއަށް ”ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން“ އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ޤާސިމް އިބްރާހީމްއަށް މި އިއްޒަތް އަރުވާފައިވަނީ ވިޔަފާރީގެ ދާއިރާއިންނާއި، ސިޔާސީ ދާއިރާއިން އަދި ދައުލަތުގެ އެކި މަގާމުތައް ފުރުއްވާ ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އެގޮތުން ޤާސިމް، އެންމެ ފުރަތަމަ ދައުލަތަށް ޚިދުމަތް ކުރެއްވީ، ގަވަރންމަންޓް ހޮސްޕިޓަލްގައި، ކާތިބެއްގެ މަގާމުގަ އެވެ. އޭރު ކުރެއްވީ، ހޮސްޕިޓަލްގެ ބަޖެޓް ބެލެހެއްޓެވުމުގެ މަސައްކަތެވެ. ރާއްޖޭގެ ޝިޕިންގ ދާއިރާއިން ޤާސިމްގެ ވިލާ ކުންފުނި ފާހަގަކޮށްލެވެ އެވެ. ވިލާ ޝިޕިންގގެ ބޯޓުފަހަރުން އެންމެ ފުރަތަމަ ރާއްޖެއަށް ތެޔޮ އެތެރެކުރަން ފެށީ، ސްރީލަންކާއިންނެވެ. އަދި އޭގެފަހުން ސިންގަޕޫރުން ތެޔޮ އެތެރެކޮށްފައިވެ އެވެ. ޤާސިމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ޤާސިމް ފާހަގަކުރެވެނީ އޭނާގެ ޚަރަދުގައި ބޭސްފަރުވާއަށް އަދި ތައުލީމުހާސިލު ކުރުމަށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތެއްގެ ގޮތުގަ އެވެ.
މީގެއިތުރުން ޤާސިމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމް އަދާކުރެއްވި އެވެ. ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭރު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުގެ މަގާމުގައިވެސް ކުރު މުއްދަތެއް ޤާސިމް ހުންނެވި އެވެ. މީގެއިތުރުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައީސްކަންވެސް ޤާސިމް ފުރުއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގާސިމް އިބްރާހިމް