އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތާއި، ޒާތީ ތައައްސަބާއި އަޅުގަނޑުމެންގެ ހުރި ކޮންމެކަމަކަށްވުރެ އިސްވާންވީ ދިވެހި ގައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިފަދަ ވަގުތެއްގައި އެންމެންވެސް އަޒުމު ކަނޑައަޅަންވީ ގައުމު އިސްކުރުމަށް ކަމަށާއި މިފަދަ ކޮންމެ ހިނދުކޮޅެއްގައި ހަނދާނަށް ގެންނަވީ އަޅުގަނޑުމެންނަކީ އެއް ބައެއްކަން ކަމަށެވެ.
އަޅުގަނޑުމެން މިފަދަ ވަގުތެއްގައި އަޒުމު ކަނޑައަޅަންވީ ގައުމު އިސްކުރުމަށް. އަޅުގަނޑުމެންގެ މިފަދަ ކޮންމެ ހިނދުކޮޅެއްގައި، ވަގުތެއްގައި އަޅުގަނޑުމެން ގަބޫލު ކުރަންވީ، ހަނދާނަށް ގެންނަވީ އަޅުގަނޑުމެންނަކީ އެއް ބައެއްކަން. އެއް ބަހަކުން ވާހަކަ ދައްކާ އެއް ދީނަކަށް ނިސްބަތްވާ، އެއް މާޒީއެއް އޮތް، އެއް ބައެއްވަންތަ ބައެއްކަން. މީ ދިވެހިން.
ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ގައުމުކަމަށެވެ. ދިވެހި ގައުމު އިސްކޮށް އެންމެން އެކަތިގަނޑަކަށްވ،ެ ގައުމު ކުރިއެރުވުމުގައި އަދި މި ގައުމަށް ހެވާ ލާބަ ހޯދައިދިނުމުގައި، އެއް ބަހަކުން، އެއް ރާގެއްކައި، އެއް ވާނެއްގައ،ި ކިޔަންވީ އެއް ލަވައެއްކަމަށް ރައީސް ވިދާޅިވި އެވެ.
އަންނަން އޮތް ޖީލުތަކަށް މި ގައުމު އުފާ ފާގަތިކަމުގައި ވާސިލުކޮށްދެވޭނީ އެއްބައިވަންތަ ވެގެންކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަކީ އެންމެންގެ ބޮލުގައިވެސް އެޅިފައިވާ ޒިންމާއެއްކަމަށް ރައީސް ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް މިއަދު ހުޅުވިގެން ދަނީ އެމްއޭސީއެލްގެ މުވައްޒަފުންނާއި އެތަށް ބައެއްގެ ބުރަ މަސައްކަތުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މުވައްޒަފުން އެވަރަށް މަސައްކަތް ނުކުރެއްވިނަމަ އާ ޓާމިނަލް ހުޅުވެން އަދި އިތުރު ދޮޅު އަހަރު ނަގާނެކަމަށް ރައީސް ވިދާޅުވި އެވެ.
78،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ބިނާކޮށްފައިވާ މި ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ވަސީލަތްތަކެއް ގާއިމުކޮށްފައިވާ ތަނެކެވެ. މި ޓާމިނަލުގައި 6 އެއިރޯ ބްރިޖާއި، 47 ޗެކްއިން ކައުންޓަރާއި، ސެލްފް ސާވިސް ކިއޮސްކްތަކާއި، އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގ ސިސްޓަމާއި، އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމް ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނެއެވެ.
މި ޓާމިނަލް ހުޅުވިގެންދިޔުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް ލިބޭނެ ފައިދާތަކުގެ އިތުރުން، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހަބަކަށް ވުމުގެ ފުރުސަތު ފުޅާވެގެންދާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މިނިވަން ދުވަސް


