މަރުގެ މައްސަލަތަކުގައި ހުކުމްކޮށްފައި ތިބޭ ގައިދީން މުޖުތަމައަށް ހިދުމަތްކުރުމުގެ މަސައްކަތަށް ނެރެނީ ހަދަން ޖެހޭ ރިސްކް އެސެސްމަންޓްތައް ހެދުމަށް ފަހުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) އިން ބުނެފި އެވެ.
ކަރެކްޝަންސް އިން މިކަން ހާމަކޮށްފައިވަނީ، ހުޅުމާލެ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ބަންގްލަދޭޝްގެ ގައިދީއަކު ކޮމިއުނިޓީ ސާވިސްގެ މަސައްކަތަށް ނެރެފައި ހުއްޓާ ފިލައިގެން ދިޔުމާ ގުޅިގެންނެވެ.
ކަރެކްޝަންސް އިން ބުނި ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު ފިލައިގެން ދިޔަ ގައިދީއަކީ ކަރެކްޝަންސްގެ ފެސިލިޓީއަކަށް ކޮމިއުނިޓީ ސާވިސްގެ މަސައްކަތަށް ނެރެފައި ހުއްޓާ ފިލައިގެން ދިޔަ މީހެކެވެ. ނަމަވެސް، އެމީހާ ފިލައިގެން ދިޔަތާ މަދު ގަޑީރެއްގެ ތެރޭގައި އޭނާ ވަނީ އަލުން ހޯދައިގެން އަތުލައިގަނެވިފަ އެވެ.
ކަރެކްޝަންސް އިން އިތުރަށް ބުނީ، މީގެކުރިން ވެސް ގައިދީއަކު ފިލައިގެން ގޮސްފިނަމަ އެ މީހަކު ހޯދުމަށް މައުލޫމާތު އާންމުކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް މި ކޭސްގައި މަދު ގަޑިއިރެއް ތެރޭގައި އެ ގައިދީއަކު ހޯދުމުން، އާންމުކޮށް މައުލޫމާތު ހާމަ ނުކުރީ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފަ އެވެ.
ކަރެކްޝަންސްއިން ބުނި ގޮތުގައި، ކޮމިއުނިޓީ ސާވިސްގެ މަސައްކަތަށް ގައިދީން ނެރެނީ ކޮންމެ ގައިދީއަކަށް ވެސް އެ ކަމަށް އޮންނަ ފުރުސަތުގެ ތެރެއިން ފުރުސަތު ދިނުމަށް ކަމަށާއި، އަދި އެ ގައިދީއެއްގެ ރިސްކް އެސެސްމަންޓް ވެސް ހެދުމަށް ފަހުގައި ކަމަށެވެ. މިއީ ގައިދީން އަލުން މުޖުތަމައަށް އަހުލުވެރިކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ކަމެކެވެ.
