އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔަރ ކުރައްވާތީ، މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް މާދަމާއިން ފެށިގެން ރިޓަޔަރ ކުރައްވަން ހުށަހެޅުއްވުމާ ގުޅިގެން، އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަން ޖޭއެސްސީން މިދިޔަ ހަފުތާގައި ވަނީ ނިންމާފަ އެވެ. މިއަދަކީ މުއުތަސިމް ރަސްމީކޮށް މަސައްކަތަށް ނިކުމެވަޑައިގަންނަވާނެ އެންމެ ފަހު ދުވަހެވެ.
ފަނޑިޔާރު ހަމީދަކީ 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ ގާޒީކަން ވެސް އަދާކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔަރ ކުރެއްވުމާއެކު، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔަރ ކުރައްވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަށެވެ. މުއުތަސިމް 2019 ވަނަ އަހަރު އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވެ އެވެ.
ޖޭއެސްސީން ބުނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެން އެ މަޤާމަށް ބޭފުޅަކު ހަމަޖެހެންދެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް ނިންމީ 17 ޖުލައި 2025 ގައި ބޭއްވުނު ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓު



