އިދިކޮޅު އެމްޑީޕީން ހުޅުލޭގައި އަޅަން މަސައްކަތް ކުރި ޓާމިނަލެއް މިހާރު ވުޖޫދުގައި ނެތްކަމަށް އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްޑީ މަތީން މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީން މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަރުގެ ޖަލްސާފައި ވާހަކަ ދައްކަވަމުންނެވެ.
މަތީން ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޓާމިނަލެއް އަޅަން މަސައްކަތް ކުރި ކަމަށާއި އެ ޓާމިނަލް އަޅަން މަސައްކަތް ކުރީ ހުޅުލޭގެ އިރުމަތީ ފަރާތުގައި ކަމަށާއި މިހާރު އެއާޕޯޓުގައި އަޅާފައިވާ އާ ޓާމިނަލް އޮތީ ހުޅަނގު ފަރާތުގައި ކަމަށެވެ.
އެހެންވީމާ އެބޭފުޅުން އަޅުއްވަން މަސައްކަތް ކުރެއްވި ޓާމިނަލެއް މިހާރު ވުޖޫދަކު ނެތް. އެއަކު ޕަސެންޓޭޖެއް ކިޔުއްވާނެކަމެއް ނެތް. އޭގެ މިލްކުވެރިކަމަށް ދައުވާ ކުރައްވާނެ ޖާގައެއް އެ ބޭފުޅުންނަކަށް ނެތް.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމި ޕީޕީއެމްގެ ވެރިކަމުގައި އެމްޑީޕީން އަޅަން ފެށި ޓާމިނަލްގެ ފައުންޑޭޝަންތައް ނަގާ އުކާލީ ކައްޗަށް އެޅި ބިންގަލެއްގެ މަތީގައި ރާއްޖޭގެ އިގްތިސޯދު ބިނާ ކުރަން ޕީޕީއެމްގެ ވެރިކަމުން ބޭނުން ނުވުމުން ކަމަށް މަތީން ވިދާޅުވި އެވެ.
މަތީން ވިދާޅުވީ މިހާރު ސަރުކާރު ހިންގަވަމުން ގެންދަވާ ލީޑަޝިޕާ ދިވެހި ރައްޔިތުން ވެރިކަން ހަވާލު ކުރެއްވި މިއީ ދެވަނަ ފަހަރު ކަމަށާއި މިހާރު ކުރަމުން މި ގެންދަނީ މި ލީޑަޝިޕުގެ ދެވަނަ ވެރިކަން ކަމަށެވެ.
އެއާޕޯޓުގަ މި ހިނގާ ދިޔަ ކަމެއް، މި ދެންނެވި ކަންތައް ހިނގާދިޔައީ އަޅުގަނޑުމެންގެ، ތިޔަ ބޭފުޅުންގެ ފުރަތަމަ ވެރިކަމުގައި. އޭރު ގައުމީ ނަވުގައި ދުއްވަން ތިއްބެވި ބޭފުޅުންނަކީ މިތިބީ.
މީގެ އިތުރުން އެމްޑީޕީ ވެރިކަމުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްލޭންގައި ދެވަނަ ރަންވޭއެއް ނެތްކަމަށާއި އެ ވެރިކަމުގައި މަސައްކަތްކޮށްފައިވަނީ ކުރިން އޮތް މުސްކުޅި ރަންވޭ އޮތް ގޮތަށް ބޭއްވުމަށްފަހު ބޭރު ބަޔަކާ ހަވާލުކޮށްގެން އެއާޕޯޓު ހިންގުމަށްކަމަށް މަތީން ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީ އެމްއޭސީއެލް އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު އެމްޑީޕީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)



