ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
މި މަޝްރޫއު ކުރިއަށްދާގޮތުގެ މައުލޫމާތު ހިއްސާކޮށް އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މިހާރު ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން 31 ހެކްޓަރުގެ ބިން ހިއްކައި ނިމިފަ އެވެ. އަދި އެ މަސައްކަތުގެ 49.2 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން 63 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއަކީ 2023 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެކި ސަބަބުތަކާހުރެ މި މަޝްރޫއު މަޑުޖެހުނެވެ. އޭގެ ފަހުން އަލުން މަޝްރޫއު ފެށީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ މަސައްކަތް އަވަސް ކުރުމަށް 22،000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭ ވަރުގެ ބޮޑު ދެ ޑްރެޖަރު ގެނެސްފައިވެ އެވެ. ކި ދެ ޑްރެޖަރު ގެނެސްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުންވަނީ ނިންމަވާފަ އެވެ.


