ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާއަށް އެޖެންޑާކޮށްފި އެވެ.
މެންބަރު ސިނާނާއި އިތުރު ތިން މީހަކު ވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސިނާނާއި އިތުރު ބައެއްގެ މައްޗަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރު ފަހުކޮޅު އެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އެ ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ޖޫން 25 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބާއްވާފައިވެ އެވެ. އެދުވަހުގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ޣާލިބް ސަލީމްގެ ފަރާތުން މައްސަލަ ހުށަހަޅާ، މެންބަރު ސިނާންގެ ފަރާތުން މައްސަލައިގައި ޖަވާބުދެއްވާފައިވެ އެވެ. އަދި އެ ދުވަހު ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާ، އިތުރު ކަމެއް ސާފުކުރަންނެތްނަމަ ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުންކަން ފާހަގަކޮށްފަ އެވެ.
މި މައްސަލައގެ އިތުރު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ 11:30 އަށެވެ. އެ ދުވަހު އޮތީ މައްސަލައިގެ ހުކުމް ކުރުން ކަމެއް ނުވަތަ އިތުރު އަޑުއެހުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
މި މައްސަލައަކީ ދުސްތޫރީ މައްސަލައަކަށްވުމުން ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި މައްސަލައިގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު [ރިޔާސަތު]، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.
