ގައުމީ އެއާލައިން މޯލްޑިވިއަން އިން މިމަހުގެ ފަހުކޮޅު އުމްރާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މި ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ހައްޖު މޫސުމުގައި އެ ކުންފުނިން ކުރި ދަތުރުތަކާ ގުޅިގެން ގިނަ އަދަދެއްގެ އުމްރާ ކުންފުނިތަކުން އެކަމަށް އެދެމުންދާތީއެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި ގޮތުގައި، މި ދަތުރުތަކަކީ މޯލްޑިވިއަނުން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފެށޭ ދަތުރުތަކެކެވެ. ”މިމަހު ފަހުކޮޅު އަލަށް އުމްރާގެ ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ މިމަހު ފަހު ހަފްތާގައި އަޅުގަނޑުމެން ފްލައިޓްސްތަކެއް އެބަ އަޅަން އުމްރާއަށް އަދި މިއަހަރުގެ އެކި މުއްދަތުތަކުގެ ތެރޭގައިވެސް އުމްރާ ދަތުރުތައް ކުރަމުންދާނަން،“ އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، އެ އެއާލައިންގެ ވައިޑްބޮޑީ މަތިންދާބޯޓުގައި އުމްރާ ދަތުރުތައް ކުރުމަށް މިވަގުތު ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުންޏަކަށެވެ. ހައްޖު ކޯޕަރޭޝަނަށް ކޮށްދޭ އުމްރާ ދަތުރުތައް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހާއި 27 ވަނަ ދުވަހުއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މޯލްޑިވިއަނުން މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން ގެންދިއުމަށް ސައުދީ އަރަބިއާއަށް ދެ ދަތުރު ކޮށްފައިވާކަމެވެ. މި ތަޖުރިބާގެ އަލީގައި އުމްރާ ދަތުރުތައް ފެށުމަށް ނިންމާފައިވާކަން އެއާލައިނުން ވަނީ އިއުލާނުކޮށްފައެވެ.