މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައި، ’ކޯޑު އީ‘ ފެންވަރަށް ތަރައްގީކުރި ރަންވޭ މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.
މާފަރު އެއާޕޯޓުގައި ތަރައްގީކުރި މި ރަންވޭ ރަސްމީކޮށް ހުޅުވުމަށްފަހު އެންމެ ފުރަތަމަ އެ ރަންވޭއަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްކަމަށްވާ އޭ330 އެވެ. މި ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން އެހެނިހެން މިނިސްޓަރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ތަރައްގީ ކުރި މާފަރު އެއާޕޯޓުގެ ފުރަތަމަ މަރުހަލާގައި ގާއިމުކޮށްފައިވަނީ 2200 މީޓަރުގެ ރަންވޭ އެކެވެ. އެއަށްފަހު ދެވަނަ ފިޔަވަހީގެ ދަށުން އެ ރަންވޭ ބޮޑުކޮށް ވައިޑް ބޮޑީ އެއާކްރާފްޓްތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކުރި އިރު ވަނީ ރަންވޭއަށް 650 މީޓަރު އިތުރުކޮށްފަ އެވެ.
އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުން ވަނީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 49 މިލިއަން ޑޮލަރު އަދި ދެވަނަ ފިޔަވައްސަށް 27 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.
ބޮއިންގް 777 ޖެއްސޭ ފެންވަރަށް މަސައްކަތް ނިންމައި، އެއާޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސް މަރުހަލާ ފުރިހަމަ ކުރުމަށް އެމިރޭޓްސްގެ ބޮއިންގް 777 ބޯޓެއް ވެސް ވަނީ އެ އެއާޕޯޓަށް ޖައްސާފަ އެވެ.
އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މާފަރު އިންޓަނޭޝަނަލް އެއާޕޯޓް