”ބިންވެރިޔާ ސްކީމް“ގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، އައު ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަަސައްކަތް މާދަމާ ފަށާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ ޖުލައި 7 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެންނެވެ. މިކަމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ޖުލައި 1 އިން ފެށިގެން ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް ހުޅުވާލާފަ އެވެ.
ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން، މޭ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ގުރުއަތުލުމެއް ބޭއްވުނެވެ. މި ބަދަލާ ގުޅިގެން، ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލުވެ، ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން ވަނީ އުވިގެން ގޮސްފައި ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކޮށްފައިވެއެވެ. އަދި އޭރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑައި ބިން ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނު ނަމަވެސް، ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބިންވެރިޔާ ސްކީމް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ