ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވެ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ދިން ތަން ބަދަލުވުމާ ގުޅިގެން ކުރިން ދީފައިވާ ގޯތީގެ ރަޖިސްޓްރީ ބާތިލްކޮށް އާ ރަޖިސްޓްރީ ދޭން ނިންމާ އިއުލާންކޮށްފި އެވެ.
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ވަނީ ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓްރީއަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. .
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ތަނެއް ކަނޑައެޅުމަށް އަލުން ގުރުލާފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ. ކުރިން ދިން ރަޖިސްޓްރީ ބާތިލްކޮށް އާ ރަޖިސްޓްރީ ދޭން ނިންމާފައިވަނީ އާ ލޭންޑް ޔޫސް ޕްލޭނާ ގުޅިގެން ގޯތި ލިބުނު ތަންތަން ބަދަލުވުމާ ގުޅިގެންނެވެ.
ހައުސިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“އާއި ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ ދޫކުރުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ އަދި ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ އާ ޙަވާލުވުމަށް އެޕޮއިންޓްމަންޓް ހެދޭނެ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ އަދި ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ދޫކުރާނީ މިމަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 09:30 އިން ފެށިގެން ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓު ފަހުން ހާޒިރުވާ މީހުންނާއި ލިޔެކިޔުންތައް ފުރިހަމައަށް ހުށަނާޅާ މީހުންގެ އެޕޮއިންޓްމެންޓް އެ ދުވަހަކަށް ކެންސަލްވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
އެޕޮއިންޓްމެންޓަށް އަންނަ އިރު ގެންނަން ޖެހޭ ލިޔެކިޔުންތައް:
- ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު.
- ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު. (ޕަވަރ އޮފް އެޓަރނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ނޮޓަރީ ސެޓްފިކޭޓްގެ އަސްލު ހިފައިގެން ވަޑައިގަތުމުންނެވެ.)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ ގެ އަސްލު.
- މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ”ބަންޑާރަ ގޯތީގެ ރަޖިސްޓަރީ“ ގެ އަސްލު.
