ހުޅުމާލޭގައި ޤާއިމުކުރާ ފެން ޕްލާންޓު އަންނަ ހަފްތާގައި ބޭނުންކުރަން ފެށޭނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މަޠީން ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގައި މިހާތަނަށް ބަހައްޓާ އެންމެ ބޮޑު ފެން ތާނގިއެވެ. މި ތާނގީއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22,600 ޓަނަށް އިތުރުވެގެންދާނެއެވެ.
އިތުރު މަޢުލޫމާތު ދެއްވަމުން މަޠީން ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި 10,000 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިޓާޗީއާ މަސައްކަތް ހަވާލުކޮށްފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ކަމަށާއި، މިހާރު އެ ތާނގީގެ މަސައްކަތް ވަނީ ނިމިފައެވެ.
މާލޭގެ ފެނުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، މާލޭގައިވެސް ފެން ރައްކާކުރެވޭ ނިސްބަތް އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރިއަށްދާކަން މަޠީން ފާހަގަކުރެއްވިއެވެ. އެގޮތުން، 13,000 ޓަނުގެ ފެން ރައްކާކުރެވޭ ދެ ތާނގީގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މީގެ ތެރޭގައި ސިނަމާލެ ބްރިޖު މެދުވެރިކޮށް މާލެ-ހުޅުމާލޭ ފެނުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު