ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމާއެކު އެތަންތަނުގައި ނަޒާހަތްތެރި މީހުން ތިބުމަކީވެސް މުހިންމު ކަމެއް ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ނިޔާޒީ ވިދާޅުވީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި 160 އެއްހާ އޮޑިޓަރުން ތިބޭކަމަށާއި އަމާޒަކީ މަސައްކަތުގެ އެފިޝިއަންސީ އިތުރުކުރުން ކަމަށެވެ. މިހާރު މަސައްކަތްތައްދާގޮތުން އަހަރަކު 220 އަދި 250 އާ ދެމެދުގެ އަދަދަކަށް އޮޑިޓްތައް ނިންމާލެވޭކަން ފާހަގަކުރައްވާ އޮޑިޓަރ ޖެނެރަލް ވިދާޅުވީ ބެކްލޮގް އިތުރު ވުމަކީ ހައްލުކުރަންޖެހޭ މައްސަލަ އެއް ކަމަށެވެ.
އޮޑިޓަރ ޖެނެރަލް ނިޔާޒީ ވިދާޅުވީ ކަމެއް ދިމާވުމުން ހަމައެކަނި ތަހުގީގުކޮށް ހޯދުމަކީ ވަގުތު ނަގާކަމެއް ކަމަށާއި އޭގެބަދަލުގައި ކުންފުނިތަކުގެ ޕްރޮކިއުމަންޓް ކަންކަން ހަރުދަނާކުރަންޖެހޭ ކަމަށެވެ.
ކުންފުނިތަކުގެ ޕްރޮކިއުމަންޓް ދާއިރާއަކީ އެންމެ ބޮޑެތި ގޯސްތައް ހެދިފައިހުރި ދާއިރާތައްކަން ފާހަގަކޮށް ނިޔާޒީ ވިދާޅުވީ، ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސިސްޓަމް ރަނގަޅު ކުރާއިރު އެތަންތަނުގައި ނަޒާހަތްތެރި މީހުން ތިބުންވެސް ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ނިޔާޒީ ވިދާޅުވީ ބައެއް އޮޑިޓްތަކުގައި ކުންފުނިތަކުން އަގުބޮޑުކޮށް މުދާ ގަތުމާއި ހަމައަގަށްވުރެއް ބޮޑެތި އަގުގައި އެއްޗެހި ކުއްޔަށް ނަގާކަން ފާހަގަކުރޭ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަކީ އޮޑިޓަށްފަހު ނިންމާލެވިގެންވާނެ ކަންކަން ނޫން ކަމަށާއި ފައިސާ ހޯދުމާއި ދެންވެސް އަޅަންޖެހޭ ފިޔަވަޅުތައް އިދާރާތަކުން ކުރަންޖެހޭނެ ކަމަށެވެ.
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޕްރޮކިއުމަންޓް ކަންކަން ރަނގަޅަށް ކުރިއަށްނުދިޔަނަމަވެސް އަނެއްބައި ކުންފުނިތަކުން ޕްރޮކިއުމަންޓްގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާކަން ނިޔާޒީ ފާހަގަކުރެއްވި އެވެ.