ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކޮށްފަ އެވެ.
މީކާއިލްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން ހަމަލާތައް ދޭން ފަށައި، މެދުއިރުމަތީގައި މިހާރު ހަނގުރާމައެއް ހިނގަމުންދާ ކަމަށެވެ. އަދި ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރި، އެތަކެއް ދުވަސްތަކަކަށް ދިގުދެމިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، ހަނގުރާމައިގެ ސަބަބުން އަދި ބައިނަލްއަޤްވާމީ ވައިގެދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެ، އެކަމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ އާމްދަނީ ދަށްވުމާއި ބޭރުފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ، ދަތި ހާލަތެއް ދިވެހިރާއްޖެއަށް ކުރިމަތިވުމަކީ ނުހަނު އެކަށީގެންވާ ކަމެއްކަމަށް ބުނެފައިވެ އެވެ.
އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ތެލާއި، ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރުކުރުމާއެކު، ބޭހާއި، ކާޑުގެ ބާވަތްތަކާއި، އަދި ތުއްތުކުދިންގެ ކާނާ ފަދަ، ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެންހުންނާނެކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުކަމެއްކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެތަކެތީގެ ސްޓޮކް އެކަށީގެންވާ މިންވަރަށް ހުރިތޯ ނުވަތަ ނޫންތޯ ސަރުކާރުން ރައްޔިތުންނަށް އަންގައިދޭންޖެހޭކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.
އިޒްރޭލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކުގެ ސަބަބުން އިރާނުން ރޭ ވަނި ޤަތަރު އަދި އިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދީފަ އެވެ. އަދި އިޒްރޭލަށް ހުއްޓުމެއްނެތި އިރާނުން ދަނީ ހަމަލާދެމުންނެވެ. މީގެއިތުރުން، މިހާރު އިޒްރޭލާއި އިރާންގެ ހަނގުރާމަ ހުއްޓާލުމަށްވަނީ އެއްބަސްވެފަ އެވެ.
