ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަ ކުންފުންޏެއް އުފެއްދުމަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ”މިހާރު“ އަށް މިއަދު ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، ”ބޭހާ ގުޅުން ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ޚާއްސަ ކުންފުންޏެއް އުފެއްދުމަށް ކެބިނެޓުން ވަނީ ނިންމާފަ“ އެވެ. އަދި ލަސްތަކެއް ނުވެ މި ކުންފުނި ވުޖޫދަށް ގެންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އާ ކުންފުނި އުފެދުމުން، ބޭހާ ގުޅޭގޮތުން އެސްޓީއޯއިން ކުރަމުން އައި ހުރިހާ މަސައްކަތެއް ބަދަލުވާނީ އަލަށް އުފައްދާ ކުންފުންޏަށެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ”ވަރަށް ކައިރި މުސްތަގުބަލެއްގައި އެކަން ތަންފީޒުވެ، މި މައްސަލައަށް ހައްލެއް ލިބިގެންދާނެ“ ކަމަށެވެ.
މިހާތަނަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް، ގިނަ ބޭސްތަކުގެ ކޮންޓްރޯލް އަމިއްލަ ފަރާތްތަކުގެ އަތްމަތީގައި އޮތުމުގެ ސަބަބުން ބައެއް ފަހަރު ބޭސް ލިބުމުގައި ދަތިތައް ދިމާވެ އެވެ. ޚާއްސަކޮށް އާސަންދައިން ބޭސްތަކަށް ކަނޑައަޅާފައި އޮންނަ އަގު ކުޑަކުރުމާ ގުޅިގެން މި މައްސަލަ އިތުރަށް ގޯސްވެފައިވެ އެވެ.
ސަރުކާރުން ދާދި ފަހުން ވަނީ އާސަންދައިގެ ދަށުން ބޭސް ސިޓީ ލިޔާނެ ގޮތަށް ބަދަލު ގެނެސްފަ އެވެ. މި ބަދަލު ގެނައި ސަބަބެއްކަމަށް ސަރުކާރުން ބުނެފައިވަނީ ޑޮކްޓަރު ލިޔާ ވަކި ބްރޭންޑެއްގެ ބޭސް ރާއްޖޭގައި ނެތް ނަމަވެސް އެހެން ބްރޭންޑެއްގެ ހަމަ އެ ބޭސް މާކެޓުގައި ހުންނަ ހާލަތްތަކުގައިވެސް ބޭސް ސިޓީގައި ވަކި ބްރޭންޑެއް އޮތުމުން ބޭސް ދޫނުކުރެވޭ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުންނެވެ. އެގޮތުން ބޭސް ސިޓީގައި މިހާރު ލިޔާނީ ބްރޭންޑް ނުލާ ބޭހުގެ ޖެނެރިކް ނަމެވެ. އޭގެ ސަބަބުން ކޮންމެ ބްރޭންޑެއްގެ ބޭހެއްވިޔަސް ބޭސް ފިހާރައިން އެ ބޭސް ދޫކުރާނެ އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)