ރާއްޖެއަށް ބޭސް އެތެރެކުރުމަށް އުފެއްދި ކުންފުނީގެ އެއް މަސައްކަތަކަށް ވާނީ ރާއްޖޭގައި އުފެއްދޭނީ ކޮން ބޭހެއްތޯ ބަލައި އެކަމަށް ބޭނުންވާ ދިރާސާތައް ކުރުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ބޭސް ކުންފުނީގެ ހަމައެކަނި ޒިންމާއަކަށް ވާނީ ރާއްޖެއަށް ބޭސް އެތެރެކުރުން ނޫން ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭހަށް ހާއްސަކޮށް ސަރުކާރުގެ ކުންފުނިތައް ހުންނަކަން ފާހަގަކުރައްވާ މިނިސްޓަރު ނާޒިމް ވިދާޅުވީ އަލަށް އުފެއްދި ބޭސް ކުންފުނީގެ ޒިންމާއަކަށްވާނީ ރާއްޖެއަަށް ދިމާވެފައިވާ ބޭހުގެ މުޅި މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ.
އެގޮތުން ރާއްޖޭގައި ބޭހަށް އޮތް ޑިމާންޑަކީ ކޮބައިތޯ ބަލައި، އެންމެ ރަނގަޅު ބޭސް އެވެއިލަބަލް ފެކްޓްރީތަކަކީ ކޮބައިތޯ ބަލައި، ބޭސް ހޯދުމަށް އެންމެ ރަނގަޅު ލިންކުތަކަކީ ކޮބައިތޯ ބެލުމަކީ އެ ކުންފުނީގެ މަސައްކަތަކަށް ވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރާއްޖެއާ ކައިރި އަވަށްޓެރި ހުރިހާ ގައުމެއްގައި މިހާރު ބޭސް އުފައްދާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މި ކުނަފުނީގެ އެއް މަސައްކަތަށްވާނީ ރާއްޖޭގައި ބޭސް އުފެެއްދުމަށް ބޭނުންވާ ދިރާސާތާކޮށް، މިކަމާ ގުޅޭ ވަރުގަދަ ލެބޯޓްރީތައް ހަދައި، އިންވެސްޓަރުން ހޯދައި، ރާއްޖޭގައި އުފެއްދޭނީ ކޮން ބޭހެއްތޯ އާއި ކުރެވޭނީ ކޮން ކަމެއްތޯ ބަލައި މުޅި ދާއިރާ ފުޅާކުރަމުން ގެންދިއުން ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ފާމަސޫޓިކަލްސްއަށް ވަކި ކުންފުންޏެއް ހެދުމުން އެ ކުންފުނީގެ ވިސްނުން ހުންނާނީ ރާއްޖޭގައި އޮތް ބޭހުގެ މުޅި މައްސަލައަށް ހައްލެއް ހޯދުމެވެ. އަދި ރައްޖޭގައި ބޭސް އުފެއްދުމަކީ އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތުވެސް އޮތްކަމަށް ވިދާޅުވި އެވެ.
”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކީސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާ ކުރުމެވެ. އަދި މި ތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ރައްޔިތުންގެ މަޖިލިސް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
