މި ސަރުކާރުގެ ވިސްނުމަކީ މި ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރިއަށް ކޮންމެ ދަރިވަރަކު ވެސް ސްކޫލް ނިންމާ މަރުހަލާއަކީ އޭ ލެވެލްއަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާލުވެފައި ވަނީ، 2022 އާއި 2023ގެ އޯ ލެވެލް އާއި އޭ ލެވަލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، އޭ ލެވެލްގައި ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރަން ސަރުކާރުން މިދިޔަ އަހަރު ދެ ނިންމުމެއް ނިންމާފައިވާ ކަމަށެވެ.
އެ ދެ ނިންމުމަކީ އަތޮޅުތެރޭގެ 23 ސްކޫލެއްގައި މިދިޔަ އަހަރު އަލަށް އޭ ލެވެލް ކިޔަވައިދޭން ފެށުން ކަމަށާއި، ދެ މާއްދާއިން ފާސްވިޔަސް އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ދިނުން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، މި ދެ ނިންމުން ހިމެނޭ ގޮތަށް ސަރުކާރުން ހިންގި ޕްރޮގްރާމްގެ ސަބަބުން އޭ ލެވެލް ކިޔެވި ދަރިވަރުންގެ އަދަދު އިތުރުވެ، އޭ ލެވެލްއިން ފާސްވި ދަރިވަރުންގެ އަދަދު ވެސް އެހެން އަހަރުތަކަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.
މާލޭގެ ސީއެޗްއެސްއީ އާއި ހުޅުމާލޭގެ ސީއެޗްއެސްއީގައި އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރެވޭނެ ޖާގަ އެބަ އޮތް ކަމަށާއި، އަންނަ އަހަރު މާލެ ސަރަހައްދުގައި އޭ ލެވެލް ކިޔަވައިދޭ ދަރިވަރުންގެ އަދަދު އިތުރުވާނެ ގޮތަށް ފުރުސަތު ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ