ކެޕިޓަލް މާކެޓް މެދުވެރިކޮށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކި ވިޔަފާރިތަކުން 450 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހުސައިން މަނިކު ވިދާޅުވި ގޮތުގައި، ވިޔަފާރިތަކުން ފައިސާ ހޯދުމަށް މިހާރު އާންމުކޮށް ބޭނުންކުރަނީ ބޭންކުތައް ނަމަވެސް، ކެޕިޓަލް މާކެޓް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށްވެސް މި ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ.
”ކެޕިޓަލް މާކެޓް ސައިޑުގައި އިންވެސްޓަރުން އެބަ އުޅޭ. ޕްރައިވެޓް ކުންފުނިތަކުން މިހާރު ފައިސާ ހޯދަމުން އެބަދޭ. މެދު ފަންތީގެ ވިޔަފާރިތަކަށްވެސް މިހާރު ވަނީ އިންވެސްޓަރުން ހޯދުމުގެ ފުރުސަތު ފަހިވެފައި،“ ސީއެމްޑީއޭގެ ސީއީއޯ ވިދާޅުވި އެވެ.
ހިއްސާގެ ބާޒާރަށް ކުދި ވިޔަފާރިތައް ނިކުތުމަށް ސެކަންޑް ބޯޑެއް އޮންނަ ކަމަށާއި، އަމިއްލަ ވިޔަފާރިތަކަށް ސުކޫކް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އިންވެސްޓަރުން ހޯދުމުގެ ފުރުސަތު އޮތް ކަމަށްވެސް ހުސައިން މަނިކު ފާހަގަކުރެއްވި އެވެ.
މި ގޮތަށް ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދުމުން ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށާއި، ވިޔަފާރި ފެށުމުގައި ލިބޭ ލުއިފަސޭހަތަކާއެކު، ދިގު މުއްދަތުގައި ވިޔަފާރިތަކުގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް ސީއެމްޑީއޭގެ ސީއީއޯ ވަނީ ފާހަގަކުރައްވާފަ އެވެ.